ފ. މަގޫދޫގައި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ ހިންގަން ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓް ކުންފުނިން ބުނީ ފިނޭންސް މިނިސްޓްރީއާއެކު އެކުންފުނިން ވެފައިވާ އެއްބަސްވުމުގެ ދަށުން، މަގޫދޫ އެއާޕޯޓް ހިންގުން ވަނީ އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. މަގޫދޫ އެއާޕޯޓް މަޝްރޫއަކީ ސަރުކާރުން 231 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ރާއްޖޭގައި އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅު ކަމަށްވާ ފ. އަތޮޅު މަގޫދޫގައި ތަރައްގީކުރާ މި އެއާޕޯޓުގައި މަތިންދާބޯޓުތަކަށް ތެޔޮ އެޅޭނެ ގޮތަށް ފިއުލް ފާމެއް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ޓެކްސީވޭ އޭޕްރަން، ފަޔާޕެޑް، ޕަސެންޖަ ޓާމިނަލް، ކޮންޓްރޯލް ޓަވަރާއެކު ފަޔާ ސްޓޭޝަން ތަރައްގީކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މަގޫދޫ އެއާޕޯޓުގައި ފުރަތަމަ ތަރައްގީކުރަން ނިންމީ 1200 މީޓަރުގެ ރަންވޭއެކެވެ. އެހެން ނަމަވެސް މިހާރު ވަނީ އެއާޕޯޓުގައި 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފަ އެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ރަންވޭ ބޮޑުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން މި އެއަރޕޯޓްގެ ފަޔާ ބިލްޑިންގެ މަސައްކަތް ނިމި ޕެސެންޖާ ޓާމިނަލް ސްޓްރަކްޗާގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓު ކުންފުނިން ބުނެ އެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދަނީ

މަގޫދޫ އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

މަގޫދޫ އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 19 ވަަނަ ދުވަހު އެވެ. އެމްޓީސީސީއަށް މިމަސައްކަތް ހަވާލުކުރީ 231.5 މިލިއަން ރުފިޔާ އަށެވެ. އެއާޕޯޓްގެ މަސައްކަތް ނިންމަން ދީފައިވަނީ 550 ދުވަހެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 17 އެއާޕޯޓް އެބައޮތެވެ. މީގެ ތެރޭގައި 4 އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެ އެވެ. އަދި ރީޖަނަލް އެއާޕޯޓްސްއިން 7 އެއާޕޯޓެއް އޮޕަރޭޓް ކުރަމުން ގެންދެ އެވެ.