ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭނެއް ގެނެސް ފްލީޓް ފުޅާ ކޮށްފި އެވެ.

އެ ކުންފުނިން އަލަށް ގެނައީ DHC-6 ޓްވިން އޮޓާސް މަރުކާގެ ސީޕްލޭނެކެވެ.

ޓީއެމްއޭ ފްލީޓަށް މި ބޯޓް އިތުރު ކުރުމުން ސީޕްލޭންގެ އަދަދު 65 އަކަށް އިތުރުވީ އެވެ. މިއާއެކު ޓީއެމްއޭގެ ފްލީޓުގައި މިހާރު ހިމެނެނީ 11 ރިސޯޓް ބްރޭންޑެޑް އެއާކްރާފްޓާއި ދެ ވީއައިޕީ ކޮންފިގާޑް އެއާކްރާފްޓެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭ އިން ބުނީ އެ އެއާލައިންގެ ހިތްގައިމު ފްލީޓަށް އިތުރު ބޯޓެއް އައުމަކީ ކުރިއެރުމަށާއި ހިދުމަތުގެ ފެންވަރު މަތިކުރަން އެ އެއާލައިނުން އަހައްމިއްޔަތުކަން ދޭކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އެއާއެކު ފުޅާވަމުން އަންނަ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިއެރުން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ދެކެ އެވެ.

"ރާއްޖޭގައި ފަތުރުވެރިން އުފުލުމަށް އެންމެ ތަޖުރިބާކާރު އެއާލައިންގެ ހައިސިއްޔަތުން ޓީއެމްއޭއިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދީގެން. ފަތުރުވެރިކަމުގެ ސިނާއަތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބްރޭންޑްތަކާ ގުޅިގެން ޓީއެމްއޭ އިން މި ހިދުމަތް ދެނީ އެބަޔަކު ހިތްހަމަޖެހޭ ގޮތަށް ބަދަލުކޮށްގެން. އަދި ފަސިންޖަރުންނަށް ރާއްޖޭގައި އެމީހުންގެ ހުވަފެނީ ޗުއްޓީ ނިންމާފައި އެނބުރި ދާއިރު ރާއްޖޭގެ ހިތްގައިމު މަންޒަރުތައް އެންމެ ފުރިހަމަ ދައްކައިދިނުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ޓީއެމްއޭ އިން ބުންޏެވެ.

އެ ކުންފުނިން މި ހިދުމަތް ދޭތާ 30 އަހަރު ފުރޭއިރު، ޓީއެމްއޭ އިން ވަނީ ޓޫރިސްޓުން އުފުލުމުގައި ދޭ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް މަތިކޮށް، އިންގިލާބީ ބަދަލުތަކެއް ގެނެސްފަ އެވެ.

ޓީއެމްއޭ އިން 1993 ވަނަ އަހަރު ޕޮއިންޓް ޓު ޕޮއިންޓް ކަނެކްޓިވިޓީ ތައާރަފް ކުރި ފަހުން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަޒީރާ ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ރާއްޖެ ބަދަލުކުރުމަށް އެ އެއާލައިނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޓީއެމްއޭގެ ހެޑް އޮފް ކޯޕަރޭޓް ސްޓްރެޓެޖީ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޝުބާމް މޫންދަރާ ވިދާޅުވީ އެ އެއާލައިންގެ 65 ވަނަ ބޯޓަށް މަރުހަބާ ކިޔާއިރު ހަމައެކަނި މަސައްކަތްކުރަނީ ފްލީޓް ފުޅާކުރާކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެއްބަސްވެފައިވާ ގޮތަށް ހިދުމަތް ދިނުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުން ވެސް ހިމެނޭ. މި ކާމިޔާބީ ރަމްޒުކޮށްދެނީ ސީޕްލޭން ހިދުމަތުގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، ޓްރާންސް މޯލްޑިވިއަންއާއެކު ކުރާ ކޮންމެ ދަތުރަކަށް މަގުފަހިކޮށްދިނުން. އެއާވޭސް އިން ދެނީ ހަމައެކަނި ދަތުރެއް. އެއީ އުފާވެރި ތަޖުރިބާއެއް،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ މި ހިދުމަތް ދޭތާ 30 އަހަރު ފުރޭއިރު، މިލިއަނަކަށް ވުރެ ގިނަ ފަސިންޖަރުން އަހަރަކު އުފުލާ ކަމަށެވެ. އަދި އެއިން ކޮންމެ ފަސިންޖަރަކަށް ވެސް ރާއްޖޭގެ ގުދުރަތީ ރީތިކަން އަބަދުވެސް ހަނދާން ހުންނަ ފަދަ ހިދުމަތެއް ކަމަށް ވެސް ޓީއެމްއޭ އިން ބުނެ އެވެ.

މި އަހަރު ވެސް ޓީއެމްއޭއަކީ އިންޑަސްޓްރީގެ ލީޑަރެއްގެ ގޮތުގައި ބަލައިގަނެ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް "އިންޑިއަން އޯޝަންސް ލީޑިން ޓޫރިސްޓް ޓްރާންސްފާ ޕްރޮވައިޑާ" ފަދަ ޝަރަފުވެރި އެވޯޑްތައް ހޯދަމުން އަންނަ ކުންފުންޏެކެވެ. އޭގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ގައި "އިންޑިއަން އޯޝަންސް ލީޑިން ސީޕްލޭން އޮޕަރޭޓަރު މަގާމު ހޯދާފައިވެ އެވެ. އަދި ޓީއެމްއޭ އަކީ "ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ" އަށް މިދިޔަ 10 އަހަރު ވެސް ނޮމިނޭޓްވެފައިވާ ކުންފުންޏެކެވެ.