ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހިޔާ ފްލެޓް 12 ކައިރި ބީޗް ސަރަހައްދައްވާގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތަކާއި ތަކެތި މި މަހު 25ގެ ނިޔަލަށް ނަގަން އާބަންކޯ އިން އަންގައިފި އެވެ.

އާބަންކޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިޔާގެ 12 ވަނަ ޓަވަރާ ދިމާލުން ބީޗު ސަރަހައްދަށް ވާ ގޮތަށް އޮންނަ ހުސް ބިމުގައި ހަދާފައިވާ ހަޓުތައް މި މަހުގެ 25ގެ ނިޔަލަށް ނެގުމަށް އެދޭ ކަމަށެވެ. އަދި މި މުއްދަތުގައި މި ތަކެތި ނުނަގައިފިނަމަ މި ސަރަހައްދު ވެސް ސާފުކުރާނެ ކަމަށް އާބަންކޯއިން ބުނެ އެވެ.

މީގެ އިތުރުން އާބަންކޯއިން ވަނީ ހުޅުމާލޭ މަގުތަކުގެ ޕޭމަންޓްމަތީގައި ހުއްދަނެތި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރާ ތަންތަނުން އެތަކެތި ނެގުމަށްވެސް އަންގާފަ އެވެ.

މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މިގޮތަށް ބަހައްޓާފައިވާ ތަކެތި ނުނަގާނަމަ އާބަންކޯއިން އެތަކެތި ނަގާ އެސަރަހައްދުތައް ސާފުކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް އާބަންކޯއިން ޒިންމާ ނުނަގާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދުވާރުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ ތަކެތި ނަގައި ސާފުކުރަން އާބަންކޯ އިން މީގެ ކުރިން ފުލުހުންނާ ގުޅިގެން ވެސް މަސައްކަތްތަކެއް ކޮށްފައި އެބަ ހުއްޓެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ، އަނެއްކާވެސް ކެފޭތަކުން ގޮނޑި އާއި މޭޒު ދުވާރުމަތީގައި ޖަހަ އެވެ.