ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.

ވިލާ މާޓްގެ ފިހާރަތައް ހިންގާ ވިލާ ޓްރޭޑިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރު 14ގައި ހުންނަ "ވިލާ މާޓު 4" ފިހާރަ 24 ގަޑިއިރު ހިންގާ ތަނަކަށް ބަދަލު ކުރީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކަމަށެވެ.

ވިލާ ޓްރޭޑިން އިން ބުނީ، ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ވިލާ މާޓުގެ ފިހާރައެއް ހުޅުވީ މާލެއަށް ފަހު އެންމެ އާބާދީ ބޮޑު އަދި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ތަނަށް ހުޅުމާލެ ވެފައި ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ކަމަށެވެ.

ވިލާ މާޓު 4 އިން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބޭނެ އެވެ.

މި މާޓުން ލިބޭ ހުރިހާ ސާމާނެއް ވިލާމާޓު. އެމްވީ ވެބްސައިޓުންނާއި އެޕުން އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލެ ފޭސް އެކެއް އަދި ދޭކަށް ޑެލިވަރީ ކޮށްދޭނެ އެވެ.

ވިލާ މާޓްގެ ހަތަރު އައުޓްލެޓެއް މާލެ އާއި ހުޅުމާލޭގައި ހުރެ އެވެ.