ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް ސަމާލުވުމަށް ބީއެމްއެލްއިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މިގޮތުން ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް 'ފްރެންޑްސް ލިސްޓް'ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދާ ކަމަށެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްކަން ޔަގީން ކުރުމެވެ. އަދި މި ގޮތަށް އެދޭ ފަރާތަކަށް ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް އިލްތިމާސްކުރިއެވެ.

މީގެ އިތުރުން އީސިމް އެކްޓިވޭޓް ކުރުމަށް އޮޅުވާލައިގެން އޯޓީޕީ ހޯދުމުގެ މައްސަލަތައްވެސް އަންނަނީ ހުށަހަޅަމުންނެވެ. މިގޮތަށް އޯޓީޕީ ހޯދަން އެދޭ ފަރާތްތަކާ އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާނުކުރުމަށް ބޭންކުން އިލްތިމާޒްކުރެއެވެ. ހަމައެފަދައިން ޓެލެގްރާމް، ވައިބާ ފަދަ ޗެނަލްތައް މެދުވެރިކޮށް ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމުގެ ސަބަބުން ސްކޭމްވާ މައްސަލަތައްވެސް މި ފާއިތުވި ހަފްތާގައި ވަނީ ހުށަހެޅިފަ އެވެ.

އޮޅުވާލައިގެން މަކަރާހީލަތުން ފައިސާހޯދާ މައްސަލަތަކުގެ ތެރެއިން ހުށަހެޅިފައިވާ ގިނަމައްސަލަތަކަކީ ކުންފުނިތަކުގެ ނަމުގައި ނުވަތަ ކޮންމެވެސް މުވައްސަސާއެއްގެ ނަމުގައި ގުޅައި ޕްރޮމޯޝަނެއްގެ ގޮތުގައި ނުވަތަ މާލީމަންފާ ލިބޭނެ ގޮތްތައް ބުނެދީ ވަރަށް ބޮޑަށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކެވެ.

މިފަދަ ކަންކަމަށް ހޭލައިތިބެ ރައްޔިތުންގެ އެއްބާރުލުން އިތުރުކޮށް މިކަންކަމަށް ފާރަވެރިވެގެން ތިބެއްޖެނަމަ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުލިބޭނެކަމަށާއި ޚާއްސަކޮށް ބޭންކް ގެ ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ އެއްވެސް ނަންބަރެއް ޔަގީންކަން ނެތް އެއްވެސް ފަރާތަކަށް ނުދިނުމަށް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ.