ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް "ހަކަތަރި" ލޭބަލް އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކުގައި ވެސް ޖަހަން ފަށައިފި އެވެ.

މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ.

އެސްޓީއޯއިން މިހާރު ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފަ އެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފަ އެވެ.

އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކެއް. އޭސީއަށް ފަހު ހިޓާޗީ ފްރިޖްގައި ވެސް ހަކަތަރި ލޭބަލް ޖަހަންވަނީ ފަށާފައި. ފޮޓޯ: އެސްޓީއޯ

ލޭބަލްގައި ޖަހާފައިވާ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ.

މެއި، 2022 ގައި އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ 6 މޮޑެލްއެއްގެ އޭސީގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފަ އެވެ.

އެސްޓީއޯއިން ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ 42 ޕަސެންޓް ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އެއާ ކޮންޑިޝަންތައް ހިމެނެ އެވެ.

ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ކަރަންޓު ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރިކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ.