މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދާ އިތުރުވި ނަމަވެސް ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ދައުލަތަށް އިމްޕޯޓްކުރި 5 ބިލިއަން ރުފިޔާގެ މުދަލުގެ ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 336 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެތެރެކުރި 4.2 ބިލިއަން ރުފިޔާގެ މުދަލުން ޑިއުޓީގެ ގޮތުގައި ވަނީ 364 މިލިއަން ރުފިޔާ ލިބިފަ އެވެ.

އޮކްޓޯބަރު މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު ވަނީ 2022 ވަނަ އަހަރުގެ މި މުއްދަތާއި އާޅާބަލާއިރު، 13 އިންސައްތަ ދަށްވެފަ އެވެ. 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭން 187 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައި ވާއިރު، މިއަހަރު މިއަދަދު އުޅެނީ 163 މިލިއަން ރުފިޔާގަ އެވެ.

އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 17 އިންސައްތަ ވަނީ އިތުރުފަ އެވެ. 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިވެހިރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި ޢަދަދުވަނީ 5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، އިންޑިއާ، ޗައިނާ، އޮމާން، އަދި މެލޭޝިއާ އެވެ. ޔޫ.އޭ.އީ އާއި އިންޑިއާ އިން 732 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 716 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

މީގެއިތުރުން އޮމާން އިން 688 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. މެލޭޝިއާ އިން 390 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ތައިލޭންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި ވިއެޓްނާމް އެވެ.