ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުން މިރޭ ދިހައެއް ޖަހަންދެން ކުރިއަށް ގެންދިޔުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ބަޖެޓަށް ހުރިހާ މެންބަރުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުގެ ގޮތުން މިރޭ ދިހައެއް ޖަހަންދެން ކުރިއަށް ގެންދިޔުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ކޮންމެ މެމްބަރަކަށްވެސް ބަހުސްކުރެއްވުމަށް 15 މިނެޓު ލިބިވަޑައިގަންނަވާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށައަޅާފައިވަނީ 49.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 34 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 25.6 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެ ބަޖެޓަކީ 13 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަން ޖެހެ އެވެ.