މިފްކޯގެ ފްލީޓަށް އިތުރު ކުރާ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މާލޭގައި ބަނދަރުކޮށްފި އެވެ.

މިފްކޯއިން ބުނީ ރޭގެ ވަގުތެއްގައި މާލޭގައި ބަނދަރުކޮށްފައިވަނީ "ޖަޒީރާ 106" ކަމަށެވެ. މިބޯޓް މާލެ އައުމަށް ދަތުރު ފެށީ މިމަހުގެ ހަތަރު ވަނަ ދުވަހު ތައިލޭންޑުންނެވެ.

މިފްކޯއިން މި އަހަރު ގެންނަން ނިންމި ހަތަރު ބޯޓުގެ ތެރެއިން ދެން ބާކީ ހިމެނޭ ދެ ބޯޓުވެސް، އަހަރު ނިމުމުގެ ކުރިން ގެންނާނެ ކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ. މި ބޯޓުތަކަކީ ދުވާލަކު، 60 ޓަނުގެ މަސް ފިނިކޮށް، އަދި 200 ޓަނުގެ މަސް ރައްކާކުރުމުގެ ޤާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ.

މި ތިން ބޯޓު މިފްކޯގެ ފްލީޓާއި ގުޅުމުން ދުވާލަކު އިތުރު، 180 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން ލިބޭނެކަމަށް އެ ކުންފުނިން ބުނެ އެވެ. ފުރަތަމަ ބޯޓު ގެނެސްފައިވަނީ މިއަހަރުގެ މާޗް މަހު އެވެ. "ޖަޒީރާ 3" މިހާރު ރާއްޖޭގެ ދެކުނުގެ މަސްވެރިކަމުގެ ހިދުމަތުގައި ދަނީ ބޭނުންކުރަމުންނެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ކެރިއާ ބޯޓުތައް ހިމެނޭހެން، ޖުމްލަ ހަ ބޯޓު މިފްކޯގެ ފްލީޓަށް ވަނީ އިތުރުކޮށްފަ އެވެ.