ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށްޓަކައި މިހާރު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަފީގް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ޝަފީގް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 49.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ހަރަދަށް 47.3 ބިލިއަން ރުފިޔާ ހޭދަވާކަމަށް އަންދާޒާ ކޮށްފައިވާ ކަމަށެވެ.

ހަރަދު ކުޑަ ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސަތުތަކަށް ބަދަލު ގެނައުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރަ ކުޑަކުރަން ޖެހޭއިރު ސިޔާސަތުތަކަށް ބަދަލު ގެނެސް އެކަން ތަންފީޒުކުރުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ކުރަމުން މިދަނީ ބަޖެޓުގެ ފައިނޭންސިން ޕްލޭނާ މަޝްރޫއުތަކާ ގުޅުވާލުމުގެ މަސައްކަތް. 2024 ބަޖެޓުގެ ޑެފިސިޓް ވަނީ 13.8 ބިލިއަން ރުފިޔާގައި. މިއީ ޖީޑީޕީގެ ނިސްބަތުން 12 އިންސައްތައިގެ ޑެފިސިޓެއް," ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މިސިޔާސަތުތައް އަންނަ ޖުލައި މަހުން ފެށިގެން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަށީގެންވާ މިންވަރަކަށް ދައުލަތުގެ ހަރަދު ކުޑަ ކުރެވޭނީ މި ކަންކަން ތަންފީޒުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ޝަފީގް ވިދާޅުވީ ކުރީ ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް ފަށާފައިވާ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. ހަމައެއާއެކު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާ ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދަން ރާވާފައިވާ 458 މަޝްރޫއަކަށް 1.5 ބިލިއަން ރުފިޔާ ހިމެނިފައިވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަމާޒަކީ މިހާތަނަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުން. ނަމަވެސް މި އަހަރު ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހަށް އަންނަ އަހަރުގެ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަން،" ޑރ. ޝަފީގު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ޑރ.ޝަފީގް މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ

މިނިސްޓަރު ޝަފީގް ވިދާޅުވީ ރާވާފައިވާގޮތަށް ފައިސާ ނުލިބިއްޖެނަމަ ބަޖެޓު ތަންފީޒު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ބަޖެޓަށް ފައިސާ ހޯދުމުގެ މަސައްކަތް އާސަރުކާރުން މިހާރު ވެސް ފަށާފައިވާކަމަށާއި، އެމިންވަރަށް ފައިސާ ނުލިބިއްޖެނަމަ އަމަލުކުރާނެގޮތުގެ ޕްލޭނެއް ވެސް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި އެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 33.547 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވަނީ 47.317 ބިލިއަން ރުފިޔާ އެވެ