ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން ފާއިތުވެދިޔަ ފުރަތަމަ މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖެއްސި އަދި ފުރި ބައިނަލްއަގުވާމީ ފްލައިޓްތަކުގެ އަދަދު ޖުމްލަ 399 އަށް އަރައިފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޖުލައި 15 އިން އޮގަސްޓް 15 އަށް ވީއައިއޭގައި ޖުމްލަ 764 އެއާ ޓްރެފިކް މޫވްމަންޓް ހިނގާފައިވެ އެވެ. އެއީ، 399 ބައިނަލްއަގުވާމީ އެއާ ޓްރެފިކް މޫވްމަންޓް އަދި 365 ޑޮމެސްޓިކް މޫވްމަންޓް އެވެ.

ބޯޑަރު ހުޅުވި ފުރަތަމަ މަހުގެ ތެރޭގައި ވީއައިއޭ އަށް އިންޓަނޭޝަނަލް ފްލައިޓްތަކުން ޖުމްލަ 7607 މީހުން އައިސްފައިވާއިރު، ވީއައިއޭ މެދުވެރިކޮށް ޖުމްލަ 9269 މީހަކު ރާއްޖެ އިން ފުރާފައިވެ އެވެ.

އެ މަހު، ވީއައިއޭ އަށް ޖެއްސި ޑޮމެސްޓިކް ފްލައިޓްތަކުން ޖުމްލަ 3480 މީހަކު އައިސްފައިވާއިރު، 4323 މީހަކު އެތެރޭގެ އެކި މަންޒިލްތަކަށް ފުރާފައިވެ އެވެ.

މިދިޔަ 2019 ވަނަ އަހަރަކީ ވީއައިއޭ އަށް ރެކޯޑް އަހަރެކެވެ. އެގޮތުން، އެއާ ޓްރެފިކް މޫވްމަންޓް 16 އިންސައްތަ އިތުރުވެ، ފަސިންޖަރުންގެ އަދަދު 13 އިންސައްތަ އިތުރުވެފައިވެ އެވެ.

އެހެން ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު މާޗު މަހުގެ ފަހުކޮޅު ބަންދުކުރާ އެކު، ވީއަައިއޭ ވަނީ މުޅިން ފަޅުވެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް މަތިންދާބޯޓަކަށް ފަސިންޖަރުން އަރަން ދަނީ. ފޮޓޯ: އެމްއޭސީއެލް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޮޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވި ފަހުން ވޭތުވެދިޔަ އެއް މަސް ތެރޭގައި ރާއްޖެ އައީ ޖުމުލަ 5،177 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ.