ޕެރަޑައިސް ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 259 ޑޮލަރު ދިނުމުން ޝަކުވާކުރަން ފަށައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ހޮޓެލްސް އިން ހިންގާ އެ ރިސޯޓު މުވައްޒަފަކު މިއަދު ބުނީ 600އެއްހާ މުވައްޒަފުން ޕެރަޑައިސް ރިސޯޓުގައި މަސައްކަތްކުރާއިރު އެ ރިސޯޓާ ގުޅުމެއް ނެތް މުވައްޒަފުންނަށް އެތަނުގެ ސާވިސް ޗާޖު ބަހަމުންދާ ކަމަށެވެ.

"މި ރިސޯޓާ އެއްވެސް ގުޅުމެއް ނެތް ކުންފުނީގެ އެހެން ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިތަނުން ލިބޭ ސާވިސް ޗާޖުން ބައި އަޅަމުންގެންދޭ. އެހެންވުމުން މިތަނުގެ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު އެތައް ގުނައެއް މަދުވޭ،" އޭނާ ބުންޏެވެ. "ރަނގަޅަށް މިކަންކުރާ ނަމަ މިވަރުގެ އަދަދެއް ނޫން އަހަރެމެންނަށް ލިބޭނީ."

އެ މުވައްޒަފު ބުނީ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ވުރެ ބޮޑު އަދަދެއް ސާވިސްޗާޖުގެ ގޮތުގައި އެ ކުންފުނީގެ އެހެން ރިސޯޓުތަކުން ބަހާ ކަމަށެވެ. މިގޮތުން ސަން އައިލެންޑާއި ރޯޔަލް އައިލެންޑުން ކޮންމެ މުވައްޒަފަކަށް މިދިޔަ ޑިސެމްބަރު މަހު 400 ޑޮލަރު ބަހާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ރިސޯޓު މިދިޔަ ދެތިން މަސް އޯވާ ބުކްވެފައި ވަނީ. އެކަމަކު ސާވިސް ޗާޖުގެ ގޮތުގައި މި ލިބެނީ އެތިކޮޅެއް،" އެ މުވައްޒަފު ބުންޏެވެ. "ބޮޑު ޖަރީމާއެއް ހިނގަމުންމިދަނީ. ވަރަށް ބޭއިންސާފުން ކުރާ ކަމެއް މިއީ."