އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 2021ވަނަ އަހަރުގެ ސާޕްލަސް ބެހުމަށް ކަނޑައަޅާ، ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅަހެޅުމަށް ހުޅުވާލައިފި އެވެ.

ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2021 ވަނަ އަހަރުގެ ސާޕްލަސް ބަހަން އެލައިޑް އިންޝުއަރަންސްގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ މިއަދު އެވެ.

ސާޕްލަސް ބެހުމަކީ ކޮބާ؟

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލް ބިނާވެގެންވަނީ ޝަރީއާ ހުއްދަކުރާ މުއާމަލާތެއްކަމުގައިވާ "ވަކާލާ" މޮޑެލްގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ބައިވެރިވާ ފަރާތް (ޕާޓިސިޕަންޓް) ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކާލާ ފީ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު "ބައިވެރިންގެ ފަންޑު" ގައި ބަހައްޓައި، ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ. މިގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއިން ނަގާ ވަކާލާ ފީ ހުންނާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓާ" ފަންޑުގައި އަދި އެފަންޑުން ހޭދަކުރާނީ އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށެވެ. އަދި ބައިވެރިންނަށް ލިބޭ އެކި ގެއްލުންތަކަށް ބަދަލުދެވިގެން ދާނީ ބައިވެރިންގެ ފަންޑުގައި ހުންނަ ފައިސާއިންނެވެ.

ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ގޮތުގައިދޭ ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު/ތަކާފުލް ފަންޑު" އިން ސީދާ ތަކާފުލްއާ ގުޅޭ ޚަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ޚަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭވެސް ކިޔައެވެ.

މިގޮތުން، އާންމު އުސޫލުން ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ، ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތްތަކުގެ ތެރެއިން ޚިދުމަތެއް ނަންގަވައި، ސާޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު "2120"ވަނަ އަހަރުގައި ބަދަލަށް އެދި ހުށަހަޅާފައި ނުވާ ފަރާތްތަކެވެ.

އެގޮތުން ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށަހެޅުމުން އެ ފައިސާ ޖަމާކުރެވޭނީ އަޔާދީ ތަކާފުލްއަށް ހިއްސާކޮށްފައިވާ އެ ފަރާތެއްގެ ބޭންކު އެކައުންޓަށެވެ. މިގޮތުން، އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުމަށް އަދި ސާޕްލަސް ލިބޭ ބައިވެރިއެއްކަން ޔަގީންކުރެއްވުމަށް އެލައިޑް ވެބް ޕޯޓަލް، (މައިއެލައިޑް)ގެ "ޗެކް ސާޕްލަސް އެލިޖިބިލިޓީ" ޓެބުން ނުވަތަ އެލައިޑް މޯބައިލް އެޕް އަދި ކަސްޓަމާ ފްރަންޓު އޮފީސް، (ހ.އޯކިޑް،އަމީރު އަހުމަދު މަގު) އަށް ވަޑައިގެންނާއި ކަސްޓަމާ ކެއާ ނަންބަރު 1600 އަށް ގުޅުއްވައިގެންވެސް އެ މައުލޫމާތު ސާފުކުރެއްވޭނެ އެވެ. ސާޕްލަސް ފައިސާ ޖަމާކުރުމަށް މިހާރު ހިއްސާކޮށްފައިވާ އެކައުންޓް ބަދަލުކުރަން ބޭނުންވެލައްވާނަމަ، އެންމެ ބައިވެރިއެއްގެ ގޮތުގައި ނަގައިފައިވާ ސެޓްފިކެޓްތަކުގެ ވެރިފަރާތްތަކަށް މައިއެލައިޑް ވެބް ޕޯޓަލް އަދި އެލައިޑް މޯބައިލް އެޕް އިން އެ މައުލޫމާތުތައް ބަދަލުކުރެއްވޭނެ އެވެ.

އަޔާދީ ތަކާފުލްއިން މައުލޫމާތު ދެއްވާ ގޮތުގައި ސާޕްލަސްއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 21 ޖަނަވަރީ 2024ގެ، 16:00 ގެ ކުރިންނެވެ. ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ލިބިވަޑައިގަންނަވާނީ އަޔާދީ ތަކާފުލްގެ ވެބްސައިޓުންނާއި ކަސްޓަމާ ފްރަންޓު އޮފީހުންނެވެ. ފޯމް ހުށަހަޅަން ބޭނުންފުޅު ނުވާނަމަ، އޮންލައިން ޕޯޓަލް "މައިއެލައިޑް" މެދުވެރިކޮށްވެސް ސާޕްލަސްއަށް އެދެވިދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ނޯޓް: އަޔާދީ ތަކާފުލްގެ 2021 ވަނަ އަހަރުގެ ސާޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ހުށަނާޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބައިވެރިންގެ ފަންޑަށް އަނބުރާ ރައްދުކުރެވޭނެ އެވެ.