މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރު ތެރޭ 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ފުޅާކުރުމަށް ނިންމައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްދޭ، ބީއެމްއެލް އިން ބުނީ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ހިދުމަތަކީ އެއްވެސް ފީ އަކާ ނުލާ ބޭންކުން ފޯރުކޮށްދެމުން އަންނަ ހިދުމަތް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކޭނެ ނިޒާމް ގާއިމްކުރެވިގެން ދިއުމާއެކު އެ ހިދުމަތް ވަނީ ކަސްޓަމަރުންގެ މެދުގައި މަގްބޫލު ހިދުމަތަކަށް ވެފަ އެވެ. މި ގޮތުން ފާއިތުވި އަހަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ 41 ޑިޕޮސިޓް ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންވަނީ 180 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ކޭސް އެޖެންޓެއްގެ ހިދުމަތްދޭ ފިހާރައެއް. މި ހިދުމަތުގެ ސަބަބުން އެ ބޭންކުގެ ހިދުމަތް ހޯދަން އެތައް ގުނައެއް ފަސޭހަވެގެންދޭ. ފޮޓޯ: ބީއެމްއެލް

ކަސްޓަމަރުންނަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތް ހޯދޭނެ އެވެ.

މި ހިދުމަތަކީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ފޯރުކުރުމަށް 2014 ވަނަ އަހަރު ތައާރަފް ކުރި ހިދުމަތެކެވެ.

އެ ބޭންކުން ބުނިގޮތުގައި މިހާރުވެސް 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް އަންނަނީ ފޯރޮކޮށްދެމުންނެވެ.