ކޮވިޑްގެ ކޭސްތައް މިދުވަސްވަރު އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އާންމު ހިދުމަތް ދޭ ތަންތަނުން ގައިޑްލައިނަށް އަމަލުކުރަމުންދޭތޯ ބަލައި ޗެކުކުރަން އެޗްޕީއޭއިން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނީ އެ އެޖެންސީއާއި ފުލުހުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން ފަށާ އެ އިންސްޕެކްޝަނުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި ފިޓްނަސް ސެންޓަރުތަކާއި ސެލޫންތަކުގެ އިތުރުން މާރުކޭޓު ފަދަ އާންމު ހިދުމަތް ދޭ ހުރިހާ ތަނެއް ބަލާނެ ކަމަށެވެ.

ހަމައެހެންމެ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ޓެކްސީ، ލޮރީ، ޕިކަޕް އަދި ޕްރައިވެޓް ހަޔާ ފަދަ އުޅަނދުތައްވެސް އިންސްޕެކްޓް ކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ އިންސްޕެކްޝަންގެ ތެރެއިން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ ޚިލާފުވާ ކަމަށް ފާހަގަވާ ފަރާތްތަކާމެދު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު'' ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެކުރިން އެޗްޕީއޭ އިން ހިންގި އިންސްޕެކްޝަންތަކަށްފަހު ބައެއް ހޮޓާ އަދި ރެސްޓޯރަންޓުތައް ޖޫރިމަނާކުރުމަށްފަހު ބަންދުކޮށްފައިވެ އެވެ. އެފަދަ ތަންތަން އަލުން ހުޅުވަން ހުއްދަ ދެނީ ރަނގަޅުކުރަން އެޗްޕީއޭ އިން އަންގާ ކަންތައްތައް ކުރުމުންނެވެ.