މަސްކިރުމަށް ފަހު ނުދެވި ހުރި ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މިސަރުކާރުގެ އަމާޒަކީ މަސްކިރާތާ ދެ ހަފްތާ ތެރޭ މަސްވެރިންނަށް ފައިސާ ދިނުން ކަމަށް ފިޝަރީޒް މިނިސްޓަަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރާ ހަވާލުވީއިރުވެސް މަސްވެރިންނަށް ފައިސާ ނުދީ ހުންނަތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. މަސްވެރިންނަށް ދައްކަން ޖެހޭ 200 މިލިއަން ރުފިޔާ އެބަހުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިންނަށް ނުދީ ހުރި ފައިސާ މިސަރުކާރުން މިހާރު ދޭން ފަށާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ މަސްކިރުމަށް ފަހު މަސްވެރިންނަށް ދޭން ހުރި ފައިސާގެ ތެރެއިން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ ހަފްތާވެސް ދޫކޮށްފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި އިދާރަތަކާ ގުޅިގެން މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދައްކަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެގޮތުން 30 މިލިއަން ރުފިޔާ، ޔަގީނުން ވެސް މިދިޔަ ހަފްތާގައި ވާނީ ދެއްކިފައި. މިހާރު އޮތް ބެކްލޮގަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ." ޝިޔާމް ވިދާލުވި އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މަހުގެ އަގު ދަށް ކުރުމުގެ ވިސްނުމެއް މިސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އެހެެން ނަމަވެސް މަސްވެރިންނާ ވާހަކަދައްކައިގެން އަވަހަށް މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތަކަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ވަގުތުން ފައިސާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ގިނަވެގެން ދެ ހަފްތާ ތެރޭ މަސްވެރިންނަށް މިސަރުކާރުން ފައިސާ ދޭނެ ކަމަށެވެ.