ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އަހްމަދު ނަޝާތު މިއަދު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޕީސީބީގެ ބޯޑަށް ނަޝާތު މިއަދު އައްޔަނުކުރެއްވީ ގާނޫނީ ދާއިރާގެ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

ނަޝާތު ވަނީ އިނގިރޭސި ވިލާތުގެ މިޑްލްސެކްސް ޔުނިވާސިޓީން މާސްޓާސް އޮފް ލޯ އިން އިންޓަރނޭޝަނަލް ލޯ ހާސިލުކުރައްވާފަ އެވެ. ނަޝާތު އެންމެ ފަހުން ހުންނެވީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުސެލްގެ މަގާމުގަ އެވެ.

ރައީސް މުއިއްޒު، މީގެކުރިން ވަނީ ޕްރައިވެޓައިޒޭޝަން ބޯޑަށް އެކި ދާއިރާތަކުން އައްޔަންކުރަންޖެހޭ އެހެން ބޭފުޅުން އައްޔަންކުރައްވާފަ އެވެ. އެގޮތުން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް އަކަށް ހަމަޖައްސަވާފައިވަނީ ހަމްދީ އަގީލް އެވެ.

ޕީސީބީ 2013 ވަނަ އަހަރު އުފެއްދީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނުނުގެ ދަށުނެވެ. ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ. އެ ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ކުންފުނިތަކުގެ ބޯޑުތަކުން މަސްއޫލިއްޔަތު އަދާކުރޭތޯ ބެލުމާއި ކުންފުނިތަކުގެ ހިއްސާ ވިއްކުމާ ގުޅޭ ކަންކަން ކުރުން ހިމެނެ އެވެ.