ސަރުކާރުގެ ބައެއް ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން (ޕީސީބީ) އަށް ފޮނުވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އެމްޑީ އައްޔަން ކުރަން ފޮނުވާފައިވަނީ ހަތް ކުންފުންޏަކަށެވެ.

ކުންފުނިތަކަށް އައްޔަން ކުރާ ބޭފުޅުން

ވެމްކޯގެ އެމްޑީ ކަމަށް އައްޔަން ކުރަން ފޮނުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެންސްޕާގެ ސީއީއޯ އަކަށް ހުންނެވި މުޖުތަބާ ޖަލީލްގެ ނަމެވެ. ފެނަކަ ކުންފުނީގެ އެމްޑީއަކަށް އައްޔަން ކުރަން ހުށަހެޅީ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދުގެ ނަމެވެ.

ރީޖަނަލް އެއާޕޯޓްސްގެ އެމްޑީއަކަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން އާއި އާބަންކޯގެ އެމްޑީއަކަށް ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދާއި ޕީއެސްއެމްގެ އެމްޑީއަކަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރު އައްޔަން ކުރަން ވަނީ ނިންމައިފަ އެވެ.

ކުންފުނިތަކަށް އައްޔަން ކުރާ ބޭފުޅުން

އޭގެ އިތުރުން އެންސްޕާއަށް ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު އައްޔަން ކުރުމަށާއި އާސަންދަގެ ވެރިއަކަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އައްޔަން ކުރަން ވަނީ ފޮނުވައިފަ އެވެ.

މި ބޭފުޅުންގެ ނަންތައް ޕީސީބީއަށް ސަރުކާރުން ފޮނުވާފައިވާކަން އެ ބޯޑުގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދެއްވާފަ އެވެ. އެ ފަރާތްތައް އަދި މަގާމުތަކަށް އައްޔަން ނުކުރައްވާ ކަމަށް ވެސް އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.

މި ބޭފުޅުންގެ އިތުރުންވެސް ބައެއް އެހެން ކުންފުނިތަކަށް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތްތައް ކުރަމުނެވެ.