ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މަސައްކަތުގެ މާހައުލުގެ ތަޖުރިބާކުރުމުގެ ފުރުސަތު ތިން ސްކޫލެއްގެ ދަރިވަރުންނަށް ދީފި އެވެ.

އިންޓަރެކްޓިވް ފެމިލިއަރައިޒޭޝަން ދަތުރެއް ދިނީ ގދ. ފަރެސްމާތޮޑާ ހުވަދޫ ސްކޫލާއި، ދ. މާއެންބޫދޫ ސްކޫލުން 25 ދަރިވަރުންނާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ 55 ދަރިވަރުންނަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ އިން ވަނީ އެ ކުދިންނަށް އެ ކުންފުނީގެ އޮޕަރޭޝަން ހިންގާ ގޮތް ތަޖުރިބާކުރުމުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލޫ ސީޕްލޭން ޓާމިނަލްގައި ޓީއެމްއޭގެ މުހިންމު ޑިޕާޓްމަންޓްތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ދައްކާލައިފަ އެވެ.

މި ސެޝަންތަކުގައި ޓީއެމްއޭގެ އޮޕަރޭޝަންތައް ހިންގަމުންދާ ގޮތް ދައްކާލުމުގެ އިތުރުން، ކޮންމެ ޑިޕާޓްމަންޓެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ދަރިވަރުންނަށް ކިޔައިދިން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެ ފަހުން ދަރިވަރުންގެ ސުވާލު ޖަވާބު ދިނުމުގެ ސެޝަނެއް ވެސް ކުރިޔަށް ގެންގޮސްފައިވެ އެވެ. އެ ސެޝަނެއްގައި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، ތައުލީމީ ޝަރުތުތަކާއި، ކުރިޔަށް ދެވޭނެ މަގުތަކާ ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި އެ ސެޝަންތަކުގައި އިސްކޮށް ތިއްބެވީ ބިޒްނަސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް، ސޭފްޓީ އެންޑް ސެކިއުރިޓީ، ކޮލިޓީ އެންޑް ކޮމްޕްލައިންސް، އެޕްރޫވްޑް މެއިންޓެނަންސް އޮގަނައިޒޭޝަން (އޭއެމްއޯ)، އަދި ފްލައިޓް އޮޕަރޭޝަންސްގެ ޓީމް މެމްބަރުންނެވެ.

ޓީއެމްއޭ އިން ބުނީ މައުލޫމާތު ދިނުމުގެ ސެޝަންތަކަށް ފަހު ދަރިވަރުންނަށް ޓީއެމްއޭގެ ފެސިލިޓީތައް ދައްކާލުމުގެ ޓުއާއެއް ދީފައިވާ ކަމަށެވެ. އެގޮތުން ގެސްޓް ލައުންޖްތަކާއި ބޯޑިން ގޭޓްތަކާއި ސީޕްލޭން ޑޮކް އާއި ޓީއެމްއޭގެ ދުނިޔޭގެ ފެންވަރުގެ މެއިންޓެނަންސް އޯގަނައިޒޭޝަން ދައްކާލި އެވެ.

ޓީއެމްއޭއަކީ ސްކޫލް ދަރިވަރުންނާއި ޒުވާން ބޮޑެތި މީހުން މި ދާއިރާއަށް ޝައުގުވެރިކުރުވައި، އޭވިއޭޝަން އިންޑަސްޓްރީއާ މެދު ޖޯޝު އުފެއްދުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ވަޒީފާދޭ ކުންފުންޏެވެ.