އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިމާދު އިބްރާހިމް އައްޔަންކޮށްފި އެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ކަމަށް މިއަދު ޝިމާދު އައްޔަން ކުރައްވާފައި ވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު އެ ވަކިކުރުމަށް ފަހު އެވެ.

ޝިމާދަކީ މަލްޓިލޭޓަރަލް އަދި ކޮމާޝަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގެ އިތުރުން ބޭންކްތަކުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަމައެހެންމެ އޭނާ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ ބޯޑުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. މީގެ އިތުރުން ވެސް ވިލާ ގްރޫޕްގައި ހެޑް އޮފް ފައިނޭންސް އެންޑް ޓެކްސްގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވައިފަ އެވެ.

ޝިމާދު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗެލާ އޮފް އެކައުންޓިން ހާސިލް ކުރައްވައިފަ އެވެ. އަދި މެނޭޖްމެންޓް އެންޑް އެކައުންޓިންގެ ދާއިރާއިން އޭނާ ވަނީ އެޑްވާންސްޑް ޑިޕްލޮމާ ހާސިލް ކުރައްވައިފަ އެވެ.

އެސްޓީއޯގެ އެމްޑީ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ކުފުންނިތަކަށް ވެސް އެމްޑީ އަންނަނީ އައްޔަން ކުރައްވަމުންނެވެ.

މިހާތަނަށް އާ އެމްޑީން އައްޔަންކުރިކަން ހާމަކުރި ކުންފުނިތަކަކީ:

  • ސްޓެލްކޯ - އެ ތަނުގެ ޖެނެރަލް މެނޭޖަރަކަށް ހުންނެވި ހުސެއިން ފަހުމީ
  • އާބަންކޯ - ފެލިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި، ޕީއެންސީގެ ޕީޖީ ލީޑަރު މުހައްމަދު ފަޒުލް ރަޝީދު
  • އާސަންދަ - އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ހުންނެވި އައިމިނަތު ޒީނިއާ
  • ފެނަކަ - މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު
  • އެމްއޭސީއެލް - ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު އިބްރާހިމް ޝަރީފް މުހައްމަދު
  • އެމްޕީއެލް - މުހައްމަދު ވަޖީހު އިބްރާހިމް
  • މޯލްޑިވް ގޭސް - އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)
  • އެމްޓީސީސީ - ޒިޔާދު ލަތީފު
  • އެފްއެސްއެމް - އިޝްމާއިލް ޝުހެއިލް
  • މިފްކޯ - ކުރީގެ ސިޓީ ކައުންސިލަރު އަހުމަދު ޝަމާހު ރަޝީދު
  • އެމްޑަބްލިއުއެސްސީ - އަބްދުލް މަތީނު މުހައްމަދު
  • ފަހި ދިރިއުޅުން ކޯޕަރޭޝަން - ހަމްދާން ޝަކީލް
  • ރީޖަނަލް އެއާޕޯޓްސް - ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން
  • ވެމްކޯ - ސިޓީ ކައުންސިލްގެ އެސްޖީ މުޖުތަބާ ޖަލީލް
  • ޕީއެސްއެމް - ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ މެންބަރު ޒީނާ ޒާހިރު
  • އެމްއެމްޕީއާރްސީ - ކޮކޯ ކަލެކްޝަންގެ ޑިރެކްޓާ އޮފް ސޭލްސް އައިޝަތު ޝުހޭލާ
  • އާރުޑީސީ - ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު
  • ހައްޖު ކޯޕަރޭޝަން - ޕީޕީއެމްގެ ކުރީގެ އެސްޖީ މުހައްމަދު ޝަކީލް
  • ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން - އެންސީއޭ ކުރިން ހިންގެވި އަހުމަދު ނާޒިމް (ހެރިންސް އަންމަޑޭ)
  • އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) - ފާތުމަތު ތައުފީގް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރައްވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކުރައްވަން ބޭނުންވާ ބޭފުޅުންގެ މަސައްކަތްތައް ފައްޓަވައިފަ އެވެ.