ޓާކިޝް އެއާލައިންސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ތުރުކީ ވިލާތުގެ ޓްރޭޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުސްތަފާ ޓުޒްކޫއާ އެކުގައި އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

ތުރުކީގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުންނެވެ.

އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިންނާއި އިމާރާތް ކުރުމުގެ ދާއިރާއިންނާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ހަމަ އެއާއެކު ދެ ގައުމުގެ ދެމެދުގައި ގާއިމު ވެފައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންނާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ޑެޕިއުޓީ މިނިސްޓަރު ވަނީ ރާއްޖެއާއި ތުރުކީވިލާތުގެ މަސްވެރިންނާއި، މަހުގެ ބާވަތްތައް އުފައްދާ ކާރުހާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވި އެވެ. އަދި، ދިވެހި ރައްޔިތުން ތިބީ މިހާރަށްވުރެ ފާގަތި ގައުމީ ތަރައްގީއެއްގެ އިންތިޒާރުގައިކަން ފާހަގަ ކުރައްވައި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރާއްޖެއަކީ ހުޅަނގާއި އިރުމައްޗާ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، އެކަން ހާސިލްކުރުމަށްޓަކައި ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މުހިންމުކަން ހާމަ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި ރާއްޖެއާއި ތުރުކީވިލާތާ ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.