ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރުމަށް ކޮންސަލްޓަންޓުން ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކޮންސަލްޓެންޓެއް ހޯދަނީ އެ ކުންފުނިތައް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްގީ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ބީލަން އިވެލުއޭޓްކުރުމަށް ދެ މަރުހަލާއަކަށް ބަހާލާފައިވާ ކަމަށެވެ. ފުރަތަމަ މަރުހަލާގައި ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް ބަލައި ޓެކްނިކަލް އިވެލުއޭޝަނެއް ހަދާނެ އެވެ. އެ އިވެލުއޭޝަންގައި 80 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތެއް ކޮންސަލްޓެންޓެއްގެ ގޮތުގައި ހޮވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މިކަމަށް އެދި ޓީއޯއާރް މިއަންނަ އަންގާރަ ދުވަހުގެ ކުރީން ހުަހެޅުމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް އޮތް އިރު ގިނަ ކުންފުނިތަކަކީ އެއްވެސް ފައިދާ ނުލިބޭތީ ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ހިންގަމުންދާ ކުންފުނިތަކެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާން ކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ހުރިހަ ކުންފުނިތަކަކަށް ވެރިން އައްޔަން ކުރައްވާފަ އެވެ.