ކ. ހިންމަފުށީ ފަޅު ތެރޭގައި އޮންނަ ފިނޮޅަށް ގެއްލުން ދިނުމުގައި ބައިވެރިވި، ގިލި ލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެ ރިސޯޓުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ޓެމީ ގޭން މިއަދު "ހުރިހާ"އަށް ވިދާޅުވީ ރިސޯޓުގެ ޖީއެމް ޑޭވިޑް މިދިޔަ ހަފުތާއިން ފެށިގެން މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

"މިދިޔަ ހަފުތާއިން ފެށިގެން އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައި. އެކަން ރިސޯޓުގެ މުވައްޒަފުންނަށް ވެސް ވާނީ އަންގާފައި،" ޓެމީ ވިދާޅުވި އެވެ.

ޑޭވިޑް މަގާމުން އިސްތިއުފާދިން އިރު، ފިނޮޅު ހަލާކުކޮށްލަން އުޅުނު މައްސަލައާ ގުޅިގެން އޭނާ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓު އަމުރެއް ނެރެފައިވެ އެވެ.

ހިންމަފުށީގެ ހުޅަނގު ދެކުނުން އޮންނަ ފިނޮޅަށް ގިލިލަންކަންފުށި ރިސޯޓުން ގެއްލުންދިން މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފުލުހުން އަންނަނީ ބަލަމުންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ އެ ދޮންވެލި ފިނޮޅު ހަލާކުރަން ގިލިލަންކަންފުށީ ރިސޯޓުގެ މުވައްޒަފުން ގޮވައިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ދިޔަ މައްސަލަ އާއްމުންގެ ބަޔަކު ވީޑިއޯ ނަގައި އެކަން އާއްމުކުރުމުންނެވެ.

ހިންމަފުށީ ކައުންސިލުން ބުނީ އެ ފިނޮޅަށް ގެއްލުން ދިނުމުގެ ގޮތުން ފިނޮޅުގެ އެއްކޮޅުން އަނެއްކޮޅަށްވާ ގޮތަށް ކޯރު ކަނޑާފައިވާ ކަމަށެވެ. އެގޮތަށް ކޮނެ ހެދުމުގެ ސަބަބުން ފިނޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންސަންގެ ހޮޓެލްސް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ހިންގާ ރިސޯޓާ 2017 ވަނަ އަހަރު ގުޅުމުގެ ކުރިން ޑޭވިޑް ހުންނެވީ ޖުމެއިރާ ދެވަނަ ފުށީގެ ޖީއެމްގެ މަގާމުގަ އެވެ.