މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އެސްޓީއޯގެ ދަށުން ވަކިކޮށް ވަކި ކުންފުންޏަކަށް ހަދައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިފްކޯއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެންކަން ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނު ވަނީ، މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށް ނިންމަވާފައިވާ ކަންވެސް ހާމަ ކުރައްވާފަ އެވެ.

"މީގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި ވެފައިވާ ވައުދުތައް ފުއްދުން. އެނގިވަޑައިގަންނަވާނެ ފަދައިން މަސްވެރިކަމުގެ ދާއިރާގެ ގިނަ ކަންކަން ގުޅިފައި މިވަނީ މިފްކޯއާ،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި މިފްކޯ ފުރަތަމަ އުފެއްދީ ވަކި ކުންފުންޏެއްގެ ގޮތުގަ އެވެ. އެކުންފުނީގެ ވިޔަފާރީގައި ގެއްލުން ބޮޑުވެ، ބަނގުރޫޓުވުމާ ގާތަށް ގޮސްފައި ވަނިކޮށް އެކަން ހައްލުކުރުމުގެ ގޮތުން އެސްޓީއޯގެ ސަބްސިޑަޔަރީ އަކަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.