މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށްޓަކައި މިސަރުކާރުން ކުރިއަށް ގެންދިޔުމަށް އިއުލާން ކޮށްފައިވާ ފުށިދިއްގަރު ފަޅު މަޝްރޫއު ބަޖެޓުން އުނިކުރުމަށްފަހު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް އަންނަ އަހަރަށް މަޖިލީހުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ސަރުކާރުން ހުށަހެޅި އަދަދަށްވުރެ އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ މަޝްރޫއު ވަނީ ބަޖެޓުން އުނިކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ.

ކޮމިޓީ މަރުހަލާގައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ބަޖެޓު އުނިކޮށް އެހެން މަޝްރޫއުތަކަށް އެ ފައިސާ އެކި ވަރަށް ބަޖެޓުން ބަހާލައިފަ އެވެ.

ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގައި ވަނީ އިއުލާނު ކޮށްފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރި އިރު ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުއަށް ވަނީ އިތުރު 400 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

ފުށިދިއްގަރުފަޅުގެ އިތުރުން ބައެއް ރަށްރަށުގައި ހިންގަން ކަނޑައަޅާފައިވާ ކުދި ބައެއް ޕްރޮޖެކްޓްތައް ވެސް އުނިކޮށްފައިވެ އެވެ.

ކޮމިޓީން ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވެ އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ އަދަދުވަނީ އިތުރުވެފަ އެވެ.