ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ސްޓެލްކޯ އާއި އެޗްޑީސީ އާއި އެސްޓީއޯ އަދި އާސަންދަ ކޮމްޕެނީގެ ބޯޑަށް ބަދަލުތަކެއް ގެނސްފައިވާ ކަމަށެވެ.

އެގޮތުން ސްޓެލްކޯގެ ޗެއާމަންގެ މަގާމަށް މިއަދު ވަނީ އެކުންފުނީގައި 34 އަހަރު މަސައްކަތް ކުރި އަދި އެންމެ ފަހުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި މުހައްމަދު ލަތީފު އައްޔަންކޮށްފަ އެވެ.

ލަތީފު މި މަގާމަށް އައްޔަަން ކުރައްވާފައި ވަނީ ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ޑިސެމްބަރު ހަތަރު ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ލަތީފަކީ ސްޓެލްކޯގައި 34 އަހަރުވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.

ސްޓެލްކޯގެ އާ ޗެއާމަން ލަތީފު

މިދިޔަ ނޮވެމްބަރ މަހު 27 ވަނަ ދުވަހު ލަތީފް ވަނީ މަގާމުން ރިޓަޔާ ކުރައްވާފައެެެވެ. އޭނާ މަގާމުން ރިޓަޔާ ކުރެއްވީ 65 އަހަރު ފުރުމާއި ގުޅިގެންނެވެ.

މީގެ އިތުރުން އަށް މެމްބަރުން ހިމެނޭ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު އުވާލައި ހަ މެމްބަރުން ހިމެނޭ އާ ބޯޑެއް ވަނީ އެކުލަވާލާފަ އެވެ. އެ ބޯޑަށް އައްޔަނުކޮށްފައިވަނީ:

  • އާރިފް އަބްދުއްސަމަދު، ދަފްތަރު ނަންބަރު ރސ9241
  • މުހައްމަދު ވިޝާމް، ވ. ވަސްމީރުފިޔަ
  • އުލާ މުހައްމަދު ރަޝީދު، ގ. ގަސްކަރަ
  • އިބްރާހިމް ޔޫސުފްފުޅު، ނ.ވެލިދޫ/އަތިރީގެ
  • އަޒްހަރު އަބްދުﷲ ސައީދު، ގދ. މަޑަވެލި/ސީނާޒް
  • މުހައްމަދު ވަހީދު، ހއ.ފިއްލަދޫ/މަބުސްތާނުގެ

މީގެ އިތުރުން އެސްޓީއޯގެ ޗެއާމަންކަމުން ހާމިދު ނަޝީދު ވަކިކޮށް އާމިރު މަންސޫރު ވަނީ އައްޔަނުކުރައްވާފަ އެވެ.

ހުސްވެފައިވާ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް މުހައްމަދު މުރާދުވެސް ވަނީ އައްޔަން ކޮށްފަ އެވެ. އަދި އާސަންދަ ކުންފުނީގެ ބޯޑަށް ގދ. ފިޔޯރީ މަލަމަތި، ފައިސަލް އިބްރާހިމް ވެސް ވަނީ އިއްޔެ އައްޔަންކޮށްފަ އެވެ.