މަޝްހޫރު އެމޭޒަން ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން އެ ކުންފުނީގެ ފައުންޑަރު އަދި ބިލިއަނަރު ޖެފް ބެޒޯސް ވަކިވާން ނިންމައިފި އެވެ.

ބެޒޯސް ކުންފުނީގެ މުވައްޒަފުންނަށް ކުރެއްވި އިންޓާނަލް މެއިލްއެއްގައި ބުނެފައިވަނީ އެމޭޒަން ކުންފުނީގެ ސީއީއޯގެ މަގާމަކީ ވަރަށް ބުރަ އަދި ޒިންމާދާރު ވަޒީފާއެއް ކަމަށާއި، އެކަހަލަ މަގާމެއްގައި ހުންނައިރު އެހެން ކަންތައްތަކަށް ވަގުތު ދިނުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

ބެޒޯސް ވިދާޅުވީ ސީއީއޯގެ މަގާމުން ދުރަށް ޖެހެން ނިންމީ އޭނާގެ އެހެން ކުންފުނިތައް ކަމަށްވާ ޑޭވަން ފަންޑް، އާތް ފަންޑް، ސްޕޭސް ދަތުރުތަކަށް ހާއްސަ ބްލޫ އޮރިޖިން، ދަ ވޮޝިންޓަން ޕޯސްޓް އަދި އެހެނިހެން އިތުރު ކަންތައްތަކަށް ވަގުތު ދިނުމަށް ކަމަށެވެ. އަދީ މިއީ ކުންފުނިން އެއްކޮށް ވަކިވުމެއް ނޫން ކަމަށާއި ދެން އޭނާ ހުންނާނީ ކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައި ކަމަށެވެ.

ބެޒޯސްގެ ބަދަލުގައި ދެން ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނާނީ އެ ކުންފުނީގެ ކްލައުޑް ކޮމްޕިއުޓިންގެ ހެޑް އެންޑީ ޖެސީ އެވެ.

ޖެސީ އަކީ އެމޭޒަން ކުންފުނީގައި 1997 ކުން ފެށިގެން މަސައްކަތްކުރަމުން އަންނަ މުވައްޒަފެކެވެ. އެމޭޒަން ވެބް ސާވިސް އުފެއްދުމުގައި ވެސް ޖެސީގެ ވަރަށް ބޮޑު ހިއްސާއެއްވެ އެވެ.

އޭމޭޒަން ކުންފުންޏަކީ 1994 ގައި ބެޒޯސް އުފެއްދި ކުންފުންޏެކެވެ.

އެ ކުންފުނި އުފެދިގެން އައީ އޮންލައިންކޮށް ފޮތް ވިއްކާ ކުންފުންޏެއްގެ ގޮތުގަ އެވެ. މިވީ ދުވަސްތަކުގައި އެމޭޒަން ކުންފުނިން ވަނީ އެކުންފުނީގެ ވިޔަފާރި ފުޅާކޮށް، ޕެކޭޖް ޑެލިވަރީކުރުމާއި، ވީޑިއޯ ސްޓްރީމިންގެ ހިދުމަތް، ކްލައުޑް ސާވިސް އަދި އިޝްތިހާރުކުރުމުގެ ހިދުމަތް އެކުންފުނިން ކުރަމުންގެންދެ އެވެ.

އެމޭޒަން ކުންފުންޏަކީ މިހާރު ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔާފާރިކުރާ އެއް ކުންފުންޏެވެ.

މިއާއެކު 2018 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ބެޒޯސް ވަނީ ހިމެނިފަ އެވެ. ބެޒޯސްގެ މިލްކިއްޔާތުގައި 185.7 ބިލިއަން ޑޮލަރު ހުރިކަމަށް ފޯބްސް އިން ހާމަކޮށްފައިވެ އެވެ. – ބީބީސީ