އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެލައިޑު އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގައި 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ހުސެން ލުވައިޒް އައްޔަންކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ބޯޑުން، އެލައިޑު އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ލުވައިޒް ހަމަޖައްސައިފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ މިއަދު ކަމަށް ވެސް ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ބުންޏެވެ.

ލުވައިޒް އެލައިޑް އިންޝުއަރެންސްގައި މަސައްކަތް ކުރަން ފެއްޓެވީ 2002 ގަ އެވެ. ކުންފުނީގެ ތެރޭގައި ކުރިއެރުން ހޯއްދަވަމުން، އެމްޑީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެލައިޑްގެ ކްލެއިމްސް ސެކްޝަންގެ މެނޭޖަރުގެ މަގާމުގަ އެވެ.

މެލޭޝިއާގެ ސަންވޭ ޔުނިވަސިޓީގެ އިތުރުން، ސިންގަޕޯ ކޮލެޖް އޮފް އިންޝުއަރެންސް އާއި މެލޭޝިއަން އިންޝުއަރެންސް އިންސްޓިޓިއުޓުން ލުވައިޒް ތައުލީމު ހާސިލްކުރައްވާފައިވެ އެވެ.

ލުވައިޒްގެ ކުރިން އެލައިޑްގެ އެމްޑީއަކަށް ހުންނެވީ އެ ކުންފުނީގައި 29 އަހަރު ވަންދެން ހިދުމަތް ކުރެއްވި މުހައްމަދު ޝަފާޒް އެވެ.

އެލައިޑު އިންޝުއަރެންސް ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.