މިރެއިން ރޭގަނޑު ވެހިކަލް ދުއްވޭ ވަގުތު މަދުކުރުމާއި ކާފިއު ގަޑި އިތުރުކުރުމުން، މިއަދުން ފެށިގެން، ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓު ކެންޓީނުތައް އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު މަދުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން، ފިހާރަތަކާއި، ސައި ހޮޓާ، ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ތަންތަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ކޮވިޑް19 ގެ ކޭސްތައް އިތުރުވާން ފެށުމުން މިއަދުން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ފަށައިފަ އެވެ. އެގޮތުން މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30އަށް ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. އަދި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާ ކުރަން ވަނީ ނިންމައިފަ އެވެ.