ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕް ކުރަން ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުންނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

ރާއްޖެ އަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސާދީ ހީނަރުކަމާ އެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ ހުއްދަ މަޖިލީހުން ތިން ފަހަރެއްގެ މަތިން ދިނެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން ހުއްޓާލުމުގެ ހުއްދައިގެ ދަށުން އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮވިޑަށްފަހު ރާއްޖޭގެ އިގުތިސާދު މިހާރު ރަނގަޅުވެފައިވާތީ، އެ ގާނޫނު ސަސްޕެންޑުކޮށްފައި ބާއްވާނެ ހާލަތެއް މިހާރު ނެތް ކަމަށެވެ.

އެހެންވެ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ކަމާގުޅޭ މާއްދާތައް ސަސްޕެންޑުކޮށްފައި އޮތުން އަންނަ އަހަރުން ފެށިގެން ނިމުމަކަށް ގެނެސް ދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.

އެ ސިޓީގައި ވަނީ ހުށަހަޅާފައިވާ ބަޖެޓްގައި ދައުލަތުގެ ފައިނޭސިން ޕްލޭންގައި ރާވާފައިވާ ޕްލޭންގެ ފަދައިން އިސްތިސްނާ މުއްދަތު ހަމަވާއިރު، ދައުލަތުގެ ޕަބްލިކް ބޭންކް އޯވަރޑްރޯ ވެފައިވާ މިންވަރު އެއްކޮށް ސެކިއުރިޓްރައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް ދޭ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލު ކުރަން ރާވާފައިވާ ކަމަށެވެ.

ކުރީ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުުރުމުގެ ހުއްދަ ދީފައިވެ އެވެ. މިހާތަނަށް ޗާޕުކޮށްފައިވާ އަދަދުގެ ތެރެއިން 4.2 ބިލިއަން ރުފިޔާ މިހާރު ވެސް ވަނީ ދިގު މުއްދަތުން ފައިސާ ދައްކަން ޖެހޭ ބޮންޑަކަށް ބަދަލުކޮށްފަ އެވެ.