މޯލްޑިވްސް އިންސްޓެންޓް ޕޭމެންޓް ނިޒާމު ނުވަތަ "ފަވަރަ" ގައި އިތުރު ދެ ބޭންކުން ބައިވެރިވެ ހިދުމަތްދޭ ފަށައިފި އެވެ.

އެމްއެމްއޭ އިން ބުނީ، ފަވަރައިގެ ހިދުމަތް ދިނުމާ އަލަށް ގުޅުނީ ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ކަމަށެވެ.

މިއަދުން ފެށިގެން، އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލްގެ ހިދުމަތް ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

"ފަވަރަ" އަކީ މާލީ ނިޒާމާ ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.

"ފަވަރަ" އިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ މައިގަނޑު ހަތަރު ޚިދުމަތެކެވެ. އެއީ، "ފަވަރަ" އައިޑީއެއް ހެދުމާއި، "ފަވަރަ" ޓްރާންސްފާއާއި، "ފަވަރަ" ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.

އެމްއެމްއޭ އިން އަންނަނީ ފަވަރައިގެ އެޕްލިކޭޝަނެއް ވެސް ތައްޔާރު ކުރަމުންނެވެ.

މިދެ ބޭންކުގެ އިތުރުން ބީއެމްއެލް އާއި އެމްއައިބީ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ވެސް ފަވަރަ ހިދުމަތް އަންނަނީ ދެމުންނެވެ.