ޓޫރިޒަމް ދާއިރާގެ 10،000 މުވައްޒަފުންނަށް ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދޭން ފެށުމާއެކު ރާއްޖެއަކީ ދުނިޔޭގެ އެންމެ އޮތް ރައްކާތެރި މަންޒިލަށްވާނެ ކަމަށެވެ.

"މިހާރު ފަށާފައިވާ ވެކްސިން ޖެހުމުގެ ޕްރޮގްރާމާއެކު ހަމަސްދުވަހުގެ ތެރޭގައި ކޮވިޑުން ރައްކާތެރިވެފައިވާ ގައުމަކަށް ރާއްޖެ ލޭބަލްވާނެ. އޭރުން ގިނަ ޓޫރިސްޓުން ރާއްޖެ އަންނާނީ ވެސް ވެކްސިން ޖަހައިގެން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މުޅި ރާއްޖޭގެ ހުރިހާ އެންމެނަށް ވެކްސިން ދިނުމަށް ފަށާފައިވާ ޕްރޮގްރާމްގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިގްތިސާދީ ހަރަކާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަވަހަށް ވެކްސިން ދޭން އިސްކަން ދެއްވާ ކަމަށެވެ.

"މިހާރު ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނުގައި ޓޫރިޒަމްގެ ހަރަކާތް އެބަ ހިނގާ. އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކައިރި ތަނަކުން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެހޭނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން 10،000 މީހުންނަށް 20،000 ޑޯޒުގެ ވެކްސިން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.