ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުންގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުންނަށް އައްޔަން ކޮށްފައިވަނީ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު އާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އެވެ.

މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

މި ދެބޭފުޅުން އެޑްވައިޒަރުގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިނިސްޓަރުންގެ ފެންވަރުގަ އެވެ. އަދި، ދެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވި ނަސީރަށް ރައީސް މުއިއްޒު ލިޔުން ހަވާލުކޮށްދެއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމަށް މުނައްވަރު އައްޔަންކުރެއްވީ 2016 ވަނަ އަހަރުގަ އެވެ. އޭނާ މިނިސްޓަރަކަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދު އޭރު ނައިބު ރައީސަކަށް އައްޔަންކުރެއްވުމުންނެވެ.

ނަސީރަށް ގަވަރުނަރުކަން ލިބިވަޑައިގަތީ އޮގަސްޓް 24، 2017 ގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ޖުލައި 24، 2019 ގަ އެވެ.