ސަތޭކަ ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުރުވަމުންދާ ވަގު ނޫޓުތަކަކީ 1996 އާއި 2016 އާ ދެމެދުގެ ތާރީހުގެ ތެރޭގައި ޕްރިންޓުކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޑޮލަރުގެ ނޫޓުތަކެއް ކަމަށެވެ.

ސައްހަ ނޫން ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންތައްތައް:

  • ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން
  • ފޮޓޯ ހިމެނޭ ވޯޓަ މާކުގައި ސައްހަ ނޫޓާ ތަފާތުކޮށް ހުރުން
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަން ހުންނަ "ޔޫއެސްއޭ 100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ދިއްލިފައި ނެތުން

އެމްއެމްއޭ އިން ބުނީ ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބާ ވެސް ފޭކު ނޫޓުގައި ނުހުންނާނެ ކަމަށެވެ. އަދި ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވާނެ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ 100 ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެ ނަމަ، އެ އޮތޯރިޓީ އަށް ގެނެސް އެ ނޫޓެއްގެ ސައްހަކަން ކަށަވަރު ކުރުން އެދޭ ކަމަށެވެ.