މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޕީއެލްއިން ބުނީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ މި ޕްރޮގްރާމަށްގައި ބައިވެރިވުމުގެ ފުރުސަތު މި ހިނގާ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހަށް ވަނީ ހުޅުވާލައިފައިވާ ކަމަށެވެ.

އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލްޑީޑީ) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްޕީއެލްއިން މީގެ ކުރިން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން..

މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ދަރިވަރުން ތަމްރީނު ހޯދުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ:

  • އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް – މެރިން ސެކްޝަން (2 ޖާގަ)
  • ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާރ – މެޝީން ޝޮޕް (2 ޖާގަ)
  • ކާޕެންޓްރީ (2 ޖާގަ)
  • ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން – އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް (2 ޖާގަ)
  • އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާރވިސް – އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް (2 ޖާގަ)
  • ގްރެފިކް ޑިޒައިނިން (1 ޖާގަ)
  • ކޮޕީ ރައިޓިންގ (1 ޖާގަ)
  • ސިވިލް އިންޖިނިއަރިން / ސާވޭއިން (1 ޖާގަ)
  • އާކިޓެކްޗަރަލް ޑްރާފްޓިން (1 ޖާގަ)

އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށް ވެސް މެންޓައެއް ހަމަޖައްސާނެ އެވެ. އަދި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުން ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ.

މި ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.