މިސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނެފައިވަނީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓާ ހަވާލާދީ ނޮވެންބަރު 17 އިން 30 ގެ ނިޔަލަށް ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް މީޑިއާގައި ދައުރުވަމުންދާ ހަބަރާ ގުޅޭ ގޮތުން ނެރުއްވި ބަޔާނެއްގަ އެވެ

ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ފެންނަ އަދަދަކީ އިންޓާނޭޝަނަލް އާބިޓްރޭޝަނަކާ ގުޅިގެން އެ "ޓްރާންސެކްޝަން" ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް ޕޯސްޓްކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެއް ކަމަށެވެ.

މިސަރުކާރު ހަވާލުވިއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ އިތުރުން، އިންޓާނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި ރިޕޯޓުން ފެންނަ އަދަދަކީ އިންޓާނޭޝަނަލް އާބިޓްރޭޝަނަކާ ގުޅިގެން އެ "ޓްރާންސެކްޝަން" ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓްކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ ތެރޭގައި ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވާ ނިންމުންތައް ވެސް ހިމެނޭ ކަމަށާއި އަދި ބައެއް ފަރާތްތަކަށް ބައެއް ސެޓްލްމަންޓްތަކުގެ ޕާޓް ޕޭމަންޓް ވެސް ހަދާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ގެއްލުމުގެ ބަދަލު ނަގާދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ އުވާލައި އެ ކޮމިޓީން ބެލި މައްސަލަތައް ބަންޑާރަ ނައިބުގެ ލަފައާއެކު އަލުން މުރާޖައާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުންނަމަ، މާލީ ވުޒާރާއަށް ހުށައަޅައިގެން މައުލޫމާތު ސާފުކުރުމަށް ވަނީ އެވުޒާރާއިން ވަނީ އެދިފަ އެވެ.