އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް ބަދަލު ގެނަސް ކޮމިޓީން ފާސްކޮށްފައި ވަނީ 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެޓީން ގެނައި ބަދަލުތަކަށް މިއަދު މަޖިލީހުގައި ނެގި ވޯޓުން ބަޖެޓު ފާސްކޮށްފައިވަނީ 68 މެންބަރުން ވޯޓާއި އެކުގަ އެވެ.

މަޖިލީހުން ފާސްކުރެއްވި އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓްވަނީ 13.7 ބިލިއަން ރުފިޔާއިން 14.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މަޖިލީހުގެ ޖަލްސާއެއް މެންބަރުން ބައިވެރިވަނީ

އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަންނަ އަހަރަށް 114.3 އިންސައްތައިން، 114.6 އިންސައްތައަށް އިތުރުވެގެންދާނެކަމަށް ލަފާކޮށްފައިވެ އެވެ. އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނިއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވަނީ ލަފާކޮށްފަ އެވެ. މީގެތެރޭގައި ހިލޭ އެހީގެގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މިއަހަރުގެ ބަޖެޓު ދިރާސާ ކުރިއިރު މި ސަރުކާރުން ބަޖެޓުގައި ހިމެނި އެންމެ ބޮޑު އެއް މަޝްރުޢުއަކީ ފުށިދިއްގަރު ފަޅުގެ މަޝްރޫއު އެވެ. ނަމަވެސް އެމްޑީޕީ މެޖޯރިޓީ އޮންނަ ބަޖެޓު ކޮމެޓީން އެ މަޝްރޫއު ވަނީ ބަޖެޓުން އުނިކޮށްފަ އެވެ. އެ މަޝްރޫއު އުނި ކުރީ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބަޖެޓް ރީއެލޮކޭޓް ކުރުމަށާއި މިހާރު އެ މަޝްރޫޢުތަށް ނުނިންމާ އެހެން އައު މަޝްރުޢުއެއް ނުފެށުމަށް ކަމަށް އެމްޑީޕީން ބުނެ އެވެ. މީގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކަންދާ ޚަރަދު ހޯދާނެ ގޮތް ހިމަނާފައި ނުވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ،

ބަޖެޓަށް ގެނައި ބައެއް ބަދަލުތައް:

  • ޕީއެސްއައިޕީ މަޝްރޫއުތަކަށް 248 މިލިއަން ރުފިޔާ އިތުރުކުރުން
  • އާ ސަރުކާރުން ކުރިއަށްގެންދަން ނިންމި ފުށިދިއްގަރު ހިއްކުމުގެ މަޝްރޫއަށް ހިމެނި 400 މިލިއަން ރުފިޔާ އުނިކުރުން
  • އެ ފައިސާގެ ތެރެއިން 200 މިލިއަން އެމްޑީޕީ ސަރުކާރުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު ނިންމަން ހިމެނުން
  • އެ ފައިސާގެ ތެރެއިން ބާކީ 200 މިލިއަން ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ހިމެނުން