ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

އެރަށުގެ 132،000 އަކަފޫޓުގެ ބިމެއް ޓޫރިސްޓް ހޮޓަލެއް ހިންގާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނުގައިވަނީ މިޕްރޮޖެކްޓާ ބެހޭ ގޮތުން ބާއްވާ ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މިމަހުގެ 18ގައި އޮންނާނެ އެވެ.

މި ބީލަމާގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހު 2:00ގެ ކުރިން ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް، އީމެއިލްގެ ޒަރިއްޔާއިން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވުމަށް އިއުލާނުގައިވެ އެވެ.

އިއުލާނުގައިވާ ގޮތުން، މިބީލަމާއި ގުޅޭ ބީލަންފޮތް ގަތުމަށް ހުށަހަޅަންޖެހޭ ފޯމް، 8 ފެބްރުއަރީ އިން ފެށީގެން 10 މާޗުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އަދި ބީލަން ހުށަހެޅުމުގެ ފުރުސަތު 14 މާޗު 2021 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވިފައި ހުންނާނެ އެވެ.