ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކްރޫޒްލައިނާތަކުގެ ވަކި ކޮޓަރިއަކުން ޓެކްސް ނަގާ ގޮތަށް ގަވައިދު އިސްލާހު ކުރަން ފެށުމުން ނުކުތް މައްސަލަތަކަށް ހައްލު ހޯއްދަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އާންމު ކުރި ގަވާއިދާ ގުޅިގެން ކްރޫޒްލައިނާތަކުގެ ވަކިވަކި ކޮޓަރިތަކުން ވަނީ ޖީއެސްޓީ ނަގަން ފަށައިފަ އެވެ. އެކަމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި ގަވައިދު އެގޮތަށް ބަދަލު ކުރުމުގެ ސަބަބުން ކްރޫޒްލައިނާތަކުން ރާއްޖެ ނައިސް، އެހެން ގައުމުތަކަށް ވަނީ ދާން ފަށައިފަ އެވެ.

ފައިސަލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރޫޒުލައިނާތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގަވައިދު އިސްލާހުކޮށް ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އާ ގަވާއިދާ އެކު، ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ކޮންމެ ދުވަހަކަށް ޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓު ދައްކަން ޖެހެ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ބޮޑެތި ކްރޫޒްލައިނާތައް އައިސްފައިވެ އެވެ. އޭގައި އަންނަ ޓޫރިސްޓުން މާލެ އަށް ފައިބާ ވިޔަފާރި އާއި އެ ނޫން ވެސް ކަންކަން ކުރުމުގެ ސަބަބުން ދިވެހިންނަށް ދިޔައީ ފައިދާވަމުންނެވެ. އަދި މާލެ ކައިރީ ރަށްރަށުގެ ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި މާލޭގެ ރެސްޓޯރެންޓްތަކަށް ވެސް ފައިދާވި އެވެ.