މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދޭ 'އެމްޕްލޯއީ ސްޓާ އެވޯޑްސް' 20 މުވައްޒަފަކަށް ދީފި އެވެ.

ބޭންކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް އެވޯޑް ދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާލް ސްޓުމްކަ އެވެ.

ކޮންމެ މަހަކު ބާއްވާ މި އެވޯޑަށް ހުށަހެޅޭ މުވައްޒަފުންގެ ތެރެއިން އެވޯޑް ހާސިލްކޮށްފައިވާ މުވައްޒަފުންނަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުންނެވެ. މީގެ އިތުރުން ތައުލީމާއި، ކުޅިވަރުގެ އިތުރުން އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަގަކޮށް މި އެވޯޑްދެވޭ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެމްޕްލޯއީ ސްޓާ އެވޯޑްސް އާއެކު ބޭންކުގެ ކަސްޓަމަރުންނާއި، ބޭންކުގެ ހިދުމަތް ލިބޭ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ބޭންކުގެ މުވައްޒަފުން ކުރާ ބުރަ އަދި ފަރުވާތެރި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބޭ ކަމަށެވެ.

"ގަވައިދުން ދެމުންދާ މި އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިތްވަރު ލިބިގެންދާނެ އެވޯޑެއް." އޭނާ ވިދާޅުވި އެވެ.

މުވައްޒަފުން ކުރަމުންދާ ލާމަސީލު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ ސްޓަ އެވޯޑްސް ތައާރަފްކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. މި އެވޯޑްގެ އިތުރުން، ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ސްޓާފް އެވޯޑްސް' އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ލޯންގް ސަވިސް އެވޯޑްސް' ވެސް ބޭންކުން އަންނަނީ ދެމުންނެވެ.