ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން ފިޔާ އެތެރެކޮށް ބާޒާރަށް ނެރެފި އެވެ.

އެސްޓީއޯއިން ބުނީ އެކުންފުނި ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީ ވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށްވީ ހިނދު، އަދި އަސާސީ ކާބޯތަކެތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށް ދީފައިވާ ފަދައިން އާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް މިހާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

މިގޮތުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން މިހާރު ވަނީ ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށައިފަ އެވެ.

އެސްޓީއޯ އިން ބުނީ ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4،500 ބަސްތާގެ ފިޔާ ވަނީ އެތެރެކޮށްފައިވާ ކަމަށެވެ. މިގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީ ވެސް އާންމު ވިޔަފާރިތަކުންނެވެ. ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެސްޓީއޯއިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށް ވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހު އެވެ.

އެސްޓީއޯއިން އިލްތިމާސް ކޮށްފައިވަނީ ފިޔާ ކިލޯއެއްގެ އަގު 20ރ. އަށް ވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.

އެސްޓީއޯއިން އިމްޕޯޓް ކޮށްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ބާޒާރަށް ނެރެފަ އެވެ.

"މިކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުން ކަމަށް ވުމުން ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބިގެން އަންނަންދެން، އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްގޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދޭނެ،" އެ ކުންފުނިން ބުންޏެވެ.