ރޯދައިގެ ކުރިން ހުޅުވުމަށް އަމާޒުހިފައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ސްޓެލްކޯ ސަރަހައްދުގައި ހިމެނޭ ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ މަގު ހުޅުވިގެން ދިއުމާއެކު، މި ސަރަހައްދުގެ ޓްރެފިކްް ފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، މީގެ ސީދާ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހާގީގީ މާނައިގައި ލިބެމުންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމި ރަމަޟާން މަސް އަންނަންވާއިރަށް މަގު ހުޅުވާލެވޭނެ. އަދި ހަމައެއާ އެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަބަދުވެސް ސްޓެލްކޯ ދެމި އޮންނާނީ ރައްޔިތުންގެ ހިދުމަތުގަ އޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. އަސާސީ ހިދުމަތް ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. މިއީ އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯ އެމްޑީ ފަހުމީ މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދު މިއީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކުންފުނީގެ ލެވެލްގައި ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފަށާ ދުވަސް ކަމަށާއި، މި މަސައްކަތުގެ ބުރަކަން އިހުސާސްވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދީ މާލޭގެ ރައްޔިތުންނަށްޓަކައި، މިއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ދޮންއަދާރަދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން...

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ނާޒިރު ވިދާޅުވީ، އެ މަގު ބަންދުކުރަންޖެހުނީ އޭރު ކޮންމެހެން ވެސް އެކަން ކުރަންޖެހިގެން ކަމަށާއި، އެހެން ނަމަވެސް، އެ ރިކުއަމަންޓް މިއަދު ނެތިގޮސް ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރުން ފަށައިގެން މާލޭގެ ރައްޔިތުންނަށްޓަކައި، މި މަގު ހުޅުވުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މި މަގު ހުޅުވިގެން ދިއުމަކީ މާލޭގެ ވަރަށް ގިނަ ރައްޔިތުންނަކަށް އެކަމުގެ ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެއް ކަމަށް ނާޒިރު ވިދާޅުވި އެވެ.

ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. މީގެ ތެރޭގައި މާލެ އާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުން ވެސް ހިމެނެ އެވެ.

މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތު ޕަވަ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، މިކުންފުނީގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ ހިނގުން ބަންދުކޮށް، އެމަގަށް ވާގޮތަށް އިންޖީނުގެއެއް އެޅީ 2010 ވަނަ އަހަރު އެވެ.

މި ކުންފުނީގެ ހުޅުމާލޭ އިންޖީނުގެއާއި، މާލޭ އިންޖީނުގެ އިންޓަ ކަނެކްޝަނަކުން ގުޅާލައި، ހުޅުމާލެއިން ކަރަންޓު އިމްޕޯޓް ކުރަން ފެށުމާ އެކު، މާލޭގެ ދޮންއަދަރާދަ މަގަށް ވާ ގޮތަށް އަޅާފައިވާ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުސެޓްތައް ބޭނުން ކުރުން ހުއްޓާލައި، އެ ޖަނަރޭޓަރު ސެޓްތައް މިހާރު ވަނީ ގްރޭޓާމާލޭގެ ބެކަޕްގެ ގޮތުގައި ހުޅުމާލޭ ބާ އިންޖީނުގެއަށް ބަދަލުކޮށްފަ އެވެ.