މިދިޔަ ހުކުރު ދުވަހުން ފެށިގެން އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ރާއްޖެ އޮންލައިން (އާރުއޯއެލް) އިން ފޯރުކޮށްދޭ އިންޓަނެޓް ހިދުމަތަށް ބުރޫއަރާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާރުއޯއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައުވަނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ގެއްލުންވެފައިވަނީ ސްރީ ލަންކާއަށް އަޅާފައިވާ ސަބްމެރިން ކޭބަލް އަށެވެ.

ކޭބަލްއަށް ލިބިފައިވާ ގެއްލުން ދެނެގަނެ މައްސަލަ ހައްލު ކުރުމަށް އާރުއޯއެލްގެ ފަންނީ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފުލް ކެޕޭސިޓީގައި އަލުން ހިދުމަތް ދޭން ފެށުމަށް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އާރުއޯއެލް އިން ބުނެ އެވެ.

އާރުއޯއެލްއިން އިތުރަށް ބުނީ ސަބްމެރިން ކޭބަލްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މެދުނުކެނޑި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ އިތުރު ގޮތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މިދަނޑުވަޅުގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދެމުން، އާރުއޯއެލް އިން ވަނީ ކަސްޓަމަރުންގެ ކެތްތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.