ސަރުކާރުން މަސްވެރިކަމަށް ހާއްސަކޮށް ހިންގާ މިފްކޯ، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖައްސާފައި އޮންނަތާ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން އެސްޓީއޯގެ ހިއްސާ ދޫކޮށްލައިފި އެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށް ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށީ 2016 ވަނަ އަހަރު އެވެ. އޭރު އެކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރީ، ކުންފުނީގެ ދަރަނި ބޮޑުވެ، ހިންގުމަށް ދަތިވުމުގެ ސަަބަބުންނެވެ.

މިމަހުގެ ފަސްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މިފްކޯ އަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

"އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަސްވެރިންނަށް ވެފައިވާ ވައުދުތައް ހާސިލުކުރުމުގައި މަގުފަހި ކުރުން. އެކަމުގެ ހުރިހާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ. އަޅުގަނޑުމެން ނިންމާފައިވާނެ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމްކޮށް، އެ ކޯޕަރޭޓިވް އަކީ މިފްކޯގެ ހިއްސާދާރަކަށް ހަދަން ވެސް ނިންމާފައިވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކޮށްގެން ކަމަށެވެ.

މިފްކޯގައި އޮތް އެސްޓީއޯގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްްވީ ސީއީއޯ ޝިމާދު އިބްރާހިމް އެވެ. އަދި އެލައިޑް އިންޝުއަރެންސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވައިޒެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ޝަފީގެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށާނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.