އަހަރީ ހިސާބު ނިންމުމަށް ދެ ދުވަހުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ އެބޭންކުގެ ބްރާންޗްތަކާއި ސެންޓަރުތައް މިމަހުގެ 31 ވާ އާދިއްތަ ދުވަހާއި އަންނަ އަހަރުގެ ފުރަތަމަ ދުވަހު ބަންދުވާނެ ކަމަށެވެ. އެއަށް ފަހު ދެން ބޭންކު ހުޅުވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު ކަމަށްވެސް އެބޭންކުން ބުނެ އެވެ.

މި މުއްދަތުގައި ބޭންކިން ހިދުމަތް ހޯއްދެވުމަށް އިންޓާނެޓް ބޭންކިންގ އަދި ސެލްފް ސާވިސް އޭޓީއެމް ބޭނުންކުރެއްވުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އާއި، ވެބް ޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެކަމަށް ބޭންކުން ބުނެ އެވެ.

ބޭންކުންވަނީ އެންމެހައި ކަސްޓަމަރުންނަށް މިފެށޭ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކޮށްފަ އެވެ.