މިމަހުގެ ފަހު ހަފްތާއަކީ ސްކޫލް ބަންދާއި މީލާދީ އައު އަހަރާއި ގުޅިގެން ގިނަ ފަރާތްތަކުން ރަށުން ބޭރަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، މި މުއްދަތުގެ ތެރޭގައި އަންނަ ޓެކުހުގެ މުހިންމު ސުންގަޑިތަކަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފި އެވެ.

މީރާ އިން ބުނި ގޮތުގައި މިމަހުގެ 28 ވަނަ ދުވަހަކީ ނޮވެމްބަރު 2023ގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އެވެ. ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީއެސްޓީ ބަޔާން ހުށަހަޅާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައި، އެ ފައިސާވެސް މީރާއަށް ދައްކަންޖެހޭނެ ކަމަށް މީރާއިން ބުނެ އެވެ.

މީގެ އިތުރުން، މިމަހުގެ 28 ވަނަ ދުވަހަކީ މިއަހަރުގެ ނޮވެންބަރުގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި ނޮވެންބަރުގެ އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި ކަމަށްވެސް މީރާއިން ހާމަކުރެ އެވެ. އަދި، މިމަހުގެ 31 ވަނަ ދުވަހަކީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ކަމަށްވެސް މީރާއިން ބުނެ އެވެ.

މީރާގެ ހިދުމަތްތަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ހިދުމަތްތަކަކަށް ވެފައި، މި ހުރިހާ ޓެކުހެއްގެ ޓެކްސް ބަޔާން ވެސް މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

އަދި، މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ފަރާތްތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީއެސްޓީ ސުން-ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން ފާހަގަކުރެއެވެ. އަދި، ޓެކްސް ބަޔާން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ލަސް ނުކުރައްވާ މީރާއިން އެހީތެރިކަން ހޯއްދެވުމަށް މީރާއިން އެދެ އެވެ.