ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށްޓަކައި މިސަރުކާރުން ކުރިއަށް ގެންދާ "ރަސްމާލެ" މަޝްރޫއުގެ ހިންގާ ލަންކާގެ ސީއެމްސީސީ ކުންފުންޏަށް، އެ ރަށް ހިއްކުމުގެ ބަދަލުގެ ގޮތުގައި ހުޅުމާލެއިން ދޫކުރާ 10 ހެކްޓަރުގެ އަގު 5.5 ބިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަން ހާމަވެއްޖެ އެވެ.

މިމަޝްރޫއާ ބެހޭ ގޮތިން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ "ރަސްމާލެ" ހިއްކުމުގެ ބަދަލުގެ ގޮތިގައި ލަންކާގެ ސީއެމްސީސީއަށް ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން 60 ހެކްޓަރުގެ ބިމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ސީއެމްސީސީ ކުންފުންޏަށް ދޫކުރާ މިބިމުގެ އަގަކީ ކޮބައިކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލު ހާމައެއް ނުކުރައްވަ އެވެ.

ހުޅުމާލެއިން އެންމެ ފަހުން ބިން ވިއްކާފައި ވަނީ 2022 ވަނަ އަހަރު ފަހުކޮޅެވެ. އެއީ އާންމުންނަށް ވިއްކި ގޯތިތަކެވެ. އެފަހަރު ގޯތި ގަތުމަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 6,060 ރުފިޔާ އެވެ. އަދި ހަމަ އެ އަހަރު ކުރީކޮޅު ވިއްކި ގޯތިތަކަށް ހުށަހެޅި އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 9,700ރ. އެވެ.

ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ އަގު ހާމައެއް ނުކުރެ އެވެ. އެހެންވެ، މި ލިޔުމުގެ ބޭނުމަށްޓަކައި އެ މަޝްރޫއު ހިއްކުމުގެ އަގު މި ކުރަނީ ހުޅުމާލޭ ބިމުގެ އަގުންނެވެ. އެވްރެޖު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 6،000ރ. ގެ ރޭޓުން އަގުކުރާނަމަ، ހުޅުމާލެއިން ސީއެމްސީއަށް ދޫކުރަން އެއްބަސްވި 10 ހެކްޓަރުގެ ބިމުގެ އަގަކީ 6.5 ބިލިއަން ރުފިޔާ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ފަޒުލް ވިދާޅުވީ، ހުޅުމާލެއިން ދޫކުރާ ބިން ސީއެމްސީސީން ބޭނުން ކުރަން ޖެހޭނީ، ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ ބިން އެ ކުންފުނިން އެހެން ފަރާތްތަކަށް ވިއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

ނަމަވެސް ބިން ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ އާބަންކޯގެ އެކްސްކްރޯ އެކައުންޓަކަށް ކަމަށާއި ސީއެމްސީސީއަށް ފައިސާ ދޫކުރާނީ އެ ކުންފުނީގެ ޕްރޮގްރެސިވް ޑިވެލޮޕްމެންޓަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހެވޭ އަކަފޫޓެއް 2،000ރ. ގެ ރޭޓުން ވިއްކިއަސް. އަކަފޫޓެއް 3،000ރ. އަށް ވިއްކިއަސް. އެކަން އެޓޭޗްވެގެން އަންނާނީ އަޅުގަނޑުމެންގެ މާސްޓަ ޕްލޭނަށް. މާސްޓަ ޕްލޭނުގައި ހުންނާނެ، ކޮމާޝަލް، ރެޒިޑެންޝަލް ބޭނުމަށް، ޓޫރިޒަމް ޒޯންސް ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އާބަންކޯއިން އަންނަނީ ފުޅިދިއްގަރުފަޅުގެ މާސްޓަ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ފުށިދިއްގަރު ފަޅަކީ ރައީސްގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އެ ފަޅު ހިއްކުމުގެ މަސައްކަތްކުރަން ހިމަނައި އެކަން ވަނީ ފަށައިފަ އެވެ.