ހދ. ކުޅުދުއްފުށި އެއާޕޯޓުގެ ޓާމިނަލް ބޮޑު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީ އަހުމަދު މުބީން ވިދާޅުވީ ކުންފުންޏާއި ހަވާލުވުމަށް ފަހު އެންމެ އިސްކަމެއް ދީފައިވާ އެއް މަސައްކަތަކީ، އެއާޕޯޓަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އިތުރު ކުރަން ޖެހޭ ހިދުމަތްތައް އިތުރު ކުރުމާއި، ޕެސިންޖަރުންނަށް އެއާޕޯޓުން ލިބެންޖެހޭ ހިދުމަތްތައް ހިމެނޭ ކޮންސެޕްޓް ޑްރޯވިން ތައްޔާރު ކުރުން ކަމަށެވެ.

މި ކުރެހުމުގެ ބޮޑުބައި ނިމިފައިވާއިރު، ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ވެރިންވަނީ ދާދި ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައި ކައުންސިލަށް ކުރެހުން ހުށަހަޅައި، އެ ފަރާތްތަކުގެ ޚިޔާލު ވެސް އެކަމުގައި ހޯދައިފަ އެވެ.

މުބީން ވިދާޅުވި ގޮތުގައި ކުންފުނީގެ އަމާޒަކީ ބަދަލުތައް ގެނެސް ރައީސް ވިދާޅުވި ގޮތަށް މަސައްކަތް ވީހާވެސް އަވަހަށް ފެށުން ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ޑިޕާޗާ އަދި އެރަވައިލްގެ ޖާގަ ބޮޑުކުރެވި ޑޮމެސްޓިކް އޮޕަރޭޝަންތަކުގައި ރާއްޖޭގައި މިވަގުތު ބޭނުން ކުރާ އެންމެ ބޮޑެތި ބޯޓުތަކަށް މިތަނުން ހިދުމަތް ދެވޭނެ ގޮތަށް ހަދާނެ ކަމަށް އާރްއޭސީއެލްއިން ބުނެ އެވެ. މީގެ އިތުރުން ނަމާދު ކޮޓަރި، މައިންނަށް ހާއްސަ ކޮޓަރި، ކެފޭ ހިދުމަތް އަދި ދަތުރުވެރިންނަށް އެއާޕޯޓުގެ އިންފޮމޭޝަން ކައުންޓަރު އަދި އިތުރު ސްޓާފް ފެސިލިޓީތައް ހިމެނެ އެވެ.

މި މަސައްކަތުގެ ސްކޯޕުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ޕާކިން ޖާގަ ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރީޖަނަލް އެއާޕޯޓުން ބުނެ އެވެ. އަދި އެ އާޕޯޓު ސަރަހައްދަށް ބޭނުންވާ އިތުރު މަސައްކަތަތަށް ވެސް ސްކޯޕް ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަސައްކަތުގެ އިތުރުން އެއާޕޯޓުގެ އުތުރުން އޮތް ބިން ޓުއަރިޒަމަށް ތަރައްޤީ ކުރުމަށް އާރްއޭސީއެލް އާއި ކުޅުދުއްފުށީ ކައުންސިލާއި ދެމެދު ވަނީ ސޮއިކުރެވިފަ އެވެ. މިިއީ އެ ސިޓީއަށް އިތުރު ފުރިހަމަކަން ގެނެސްދީ ޓުއަރިޒަމް ފުޅާ ކުރުމަށް އެޅޭ ފިޔަވަޅެއްކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން އާރްއޭސީއެލް އަމިއްލަ ފައިމައްޗަށް ތެދުވެ ސަރުކާރުގެ ގްރާންޓް އެހީއަށް ބަރޯސާ ނުވެ މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.