ފުށިދިއްގަރުފަޅު ހިއްކާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދިނުމަށް ނިންމާފައިވާ ބިމަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އަންނާނެ ކަމަށް އާބަންކޯއިން ބުނެފި އެވެ.

"ރަސްމާލެ" ތަރައްގީ ކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކާ ލަންކާގެ ސީއެމްސީސީއަށް ހުޅުމާލެއިން 10 ހެކްޓަރު ބިމާއި 60 ހެކްޓަރު ބިން "ރަސްމާލެ"އިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިބިންތައް އެކުންފުންޏަށް ދެނީ 99 އަހަރަށެވެ.

"ރަސްމާލެ" މަޝްރޫއާ ބެހޭ ގޮތުން ދައުލަތުގެ މީޑީއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އާބަންކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަހުމަދު ޝާމް ވިދާޅުވީ ސީއެމްސީ އަށް ދޫކުރި ބިންތައް ތަރައްގީ ކުރުމުގެ ކުރިން މާސްޓަޕްލޭނެއް ހަދައި އެ ކުންފުނީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އޭރުން އެ 70 ހެކްޓަރުގެ ބިމުގެ ކޮންމެ ސަރަހައްދެއްގެ ބޭނުން ކަނޑައަޅާފައި ހުންނާނެ ކަމަށް ޝާމް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރާނީ އާބަންކޯއިން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެ އެކްސްރޯ އެކައުންޓަށް މި ފައިސާ ވަނީ މާ ވާގޮތަކީ އެ ބޭފުޅުން މަސައްކަތް ކުރަމުންދާ ނިސްބަތަކުން އެ ބޭފުޅުންނަށް ވެސް އެކްސްރޯ އެކައުންޓުން ފައިސާ ލިބިގެންދަނީ. އެހެންވީމާ އިތުރަށް ވިއްކިފައި އޮވެފައި އިތުރަށް އާމްދަނީއެއް ލިބިފައި އޮތް ކަމަކު އެ ބޭފުޅުންނަށް އެ އާމްދަނީއަކާ އަދި އަތެއް ނުލެވޭނެއޭ އެ ބޭފުޅުންގެ މަސައްކަތް ވެސް އެ ބޭފުޅުން ފުރިހަމަ ނުކުރާ ކަމަށް ވަންޏާ،" ޝާމް ވިދާޅުވި އެވެ.

ޝާމް ވިދާޅުވީ، ސީއެމްސީ އަށް ބިންތައް ދޫކުރީ އާބަންކޯ ނުވަތަ ދިވެހި ދައުލަތުން ބޭނުންވެއްޖެ ހިނދެއްގައި އެ ތަންތަނަށް އަނބުރާ ނެގޭ ގޮތަށް ކަމަށެވެ.

"އެހެންވީމާ އެ ކޮންޓްރޯލްތައް އޮވެ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށުން އެ ވިއްކުމާއި އެ އަށް ލިބޭ އާމްދަނީ ވެސް މިދަނީ،" އޭނާ ވިދާޅުވި އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މި ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫއުތައް ވެސް ކޯޕަރޭޓް ގެރެންޓީ އުސޫލު ބޭނުންކޮށްގެން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރައީސް ސޯލިހުގެ ވެރިކަން ނިމެން ކުޑަތައްވެފައިވަނިކޮށް ހުޅުމާލެ ފޭސް ތިނެއް 96 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް ހަވާލުކޮށްފައިވަނީ 20 ހެކްޓަރުގެ ބިން ދީފައި ކަމަށް ފަޒުލް ވިދާޅުވި އެވެ. އެއީ ހުޅުމާލޭ ހިއްކާ ސަރަޙައްދުން 10 ހެކްޓަރާއި ތިލަފުށިން 9.6 ހެކްޓަރުކަން ފަޒުލް ފާހަގަކުރެއްވި އެވެ.

އަދި ހުޅުމާލެ 3 އިން ދިވެހިންނަށް ގޯތި ދޫކުރަން ލިބުނީ 70 ހެކްޓަރުކަން ފަޒުލް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ހިންގި މަޝްރޫއަކާއި އަޅާބަލާއިރު މިސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫއަކީ ބޮޑުތަނުން ދައުލަތަށް ފައިދާވާގޮތަށް ތަރައްޤީކުރާ މަޝްރޫއެއް ކަމަށް ފަޒުލް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމަށްޓަކައި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި މި ސަރުކާރުން ޖެހި ނަމަވެސް އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ބަޖެޓް ކޮމިޓީން ވަނީ އެ އަދަދު އުނިކޮށްފަ އެވެ. އެހެންވެ، ސަރުކާރުން އެހެން އޮޕްޝަނެއް ބޭނުންކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދު ނުވާނެ ގޮތެއް ހޯދީ ކަމަށް ސަރުކާރުން ބުންޏެވެ.