ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

"މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދޭ،" ދިރާގުން ބުންޏެވެ،

އެ ކުންފުނިން ބުނީ މި ޕްރޮގްރާމް އަމާޒުކުރަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް ކަމަށެވެ. މިގޮތުން އޭލެވެލް ނިންމާފައިވާ އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީނު ދެނީ. ފޮޓޯ: ދިރާގު

މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަށްއެކަންޏެއް ނޫން. މާލޭގެ އިތުރުން ސީނު، ތިނަދޫ، އަދި އޭދަފުށީގައި ޤާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެ. އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ޒުވާނުންނަށް ހިފޭނެ،" ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮގްރާމްގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެ އެވެ. މީގެ ތެރޭގައި މާކެޓިންގ، ސޭލްސް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯކްސް، ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް ހިމެނެއެވެ.

"ވަޒީފާގެ މާހައުލަށް އަންނަމުންދާ ކުރިއެރުންތަކާ އަދި ބަދަލުތަކާ އެއްގޮތަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށްވެސް ދަނީ އިތުރު ފުރިހަމަކަމެއް ގެންނަމުން. އެގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގެވެރިކަން ހުރި ޒުވާނުންނަށް އެ ފުރުސަތު މިއަހަރު މިވަނީ ހުޅުވާލާފައި،" ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި އައިޓީ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ޑިގްރީ ނުވަތަ މާސްޓަސް ޑިގްރީ އެއް ހާސިލްކޮށް، ކުރިން މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިނުވާ ދިވެހި ޒުވާނުންނަށް މި ޕޮރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސެޕެޝަލައިޒްވާން ބޭނުންވާ ފަރާތްތަކަށް ސެޓިފައިޑް ޓްރޭނިންދީ، މި ދާއިރާގެ މާހިރުންގެ ފަރާތުން ތަމްރީން ލިބުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެނދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުން ކަމަށެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބު ރަމްޒުކޮށްދޭ އެއްހެކި ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުނިން 2009 ގައި ތައާރަފްކުރި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުކެނޑުމެއްނެތި ހިންގާތާ މިއީ 12 ވަނަ އަހަރެވެ. މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގޭގައި މަސައްކަތް ކުރަން ޖެހުނު ކަމުގައި ވީނަމަވެސް، އެ އަހަރު ދަރިވަރުންގެ ޓްރެއިނިންތައް މެދުނުކެނޑި، އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން، މި ޕްރޮގްރާމްތެރޭގައި ހިމެނޭ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގް އާއި ވަޒީފާއަށް ބޭނުންވާނެ އެކި ޓްރެއިނިންތައް ދިޔައީ ދެމުންނެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ސީވީ އަދި ބޭނުންވާ އިތުރު ޑޮކިއުމެންޓްތައް މިމަހުގެ 10ގެ ކުރިން މެދުވެރިކޮށް ތިރީގައިވާ ލިންކުން ހުށަހެޅޭނެ އެވެ.